ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅަނީ

މިއަދު ކުރިއަށްދާ މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މީހަކު ވޯޓުލަނީ-- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅަން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީން މިރޭ ނިންމައިފިއެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު 'ސަން'އަށް ވިދާޅުވީ، މަޖިލިސް އިންތިޚާބު ރޯދަ މަހާ ދިމާވާތީ އެފަދަ އިސްލާހެއް ހުށަހެޅުމާ ގުޅޭ ގޮތުން މިރޭ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް (ޕީޖީ)އިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ޕީޖީން ވަނީ އެ އިސްލާހު ހުށަހެޅުމަށް ތާއިދުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އިސްލާހު ހުށަހަޅާނީ، އެ އިސްލާހާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، އަންނަ މާޗު މަހުގެ 17ގައި ބާއްވާ އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ އާންމުންގެ ތެރޭގައި ކަންބޮޑުވުންތަށް ހުރި ކަމަށާއި، ވޯޓުލުމުގައި ބައިވެރި ނުވެވޭނެ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުންދާ ކަމަށެވެ.

''އިންތިޚާބު ބާއްވާނީ ރައްޔިތުންގެ ބައިވެރިވުން ހޯދަންވެގެން. ރައްޔިތުންނަށް ބައިވެރި ނުވެވޭ ގޮތަށް އިންތިޚާބު ބޭއްވުން އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން،'' ޝިފާއު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން ވިދާޅުވި ގޮތުގައި މި އަހަރު ބާއްވަން ހަމަޖެހިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަހުގެ ތެރޭ ބާއްވަން މަޖުބޫރުވީ ގާނޫނަށް އިސްލާހު ގެނެވިފައި ނުވާތީ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނުނޫގެ ދަށުުން ހިނގަމުންދާ 19ވަނަ މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު އިއުލާނު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/187601

އެހެންވެ، އެންމެ އަވަހަށް ވެސް އިންތިޚާބު އިއުލާނުކުރެވޭނީ މި މަހުގެ 30ގައި ކަމަށާއި އިންތިޚާބު ބޭއްވޭ ތާރިޚަށް ދިމާވަނީ މާޗު 17 ކަމަށް ފުއާދު ވިދާޅުވިއެވެ.

އޭނާ ވަނީ، 120 ދުވަސްވީމަ އިއުލާނުކުރުން 140 ދުވަހަށް ބަދަލުކޮށް، 20 ދުވަސް ކުރިން އިންތިޚާބު އިއުލާނުކުރާ ގޮތަށް ގާނޫނު އިސްލާހުކުރެވިއްޖެނަމަ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް