ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ޢާއިޝަތު ޝީނާ

ބާ ކައުންސިލުގެ ހުސްވެފައިވާ މަގާމަށް ހޮވުނު ޢާއިޝަތު ޝީނާ މުޙައްމަދު -- ފޮޓޯ/ ގްލޯބަލްއެކްސެސްޓުޖަސްޓިސް

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމަށް ޢާއިޝަތު ޝީނާ މުޙައްމަދު މިއަދު އިންތިޚާބުވެއްޖެއެވެ.

ޝީނާ މި މަގާމަށް ހޮވުނީ، އެ ކޮމިޓީގެ ހުސްވެފައިވާ މަގާމަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ކުރި ހޯއްދަވައިގެންނެވެ. މި އިންތިޚާބު ބާ ކައުންސިލުން ބޭއްވީ 'ފަހި ވޯޓު' މެދުވެރިކޮށް އޮންލައިންކޮށެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ 71 ޤާނޫނީ ވަކީލުންގެ ތެރެއިން 36 ވަކީލުން ވޯޓު ލާފައިވެއެވެ. އޭގެ ތެރެއިން 24 މީހަކު ވަނީ ޝީނާ ހޮވަން ފެންނަ ކަމަށް ވޯޓުދީފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ގާނޫނީ ދާއިރާގައި މަސައްކަތް ފެއްޓެވި ޝީނާ ޑިގްރީ ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ލަންޑަންއިންނެވެ. އޭނާ ވަނީ ސުއޫދު އެންޑް އަންވަރު އެލްއެލްޕީގައި މަސައްކަތް ކުރައްވާފައެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާސް އޮފީހުގެ އަންޑަސެކެޓްރީކަން، ޑިސެމްބަރު 2018އިން ފެށިގެން އެއް އަހަރަށް ކުރެއްވިއެވެ.

އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވީ، އެ މަގާމުގައި ހުންނެވި އަލީ އަބްދުއްލަތީފް އިސްތިއުފާ ދެއްވުމުންނެވެ. މިދިޔަ މަހުގެ 12ގައި އޭނާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކޮށްފައެވެ.

comment ކޮމެންޓް