ޔޫރަޕުން މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރަން އަނެއްކާވެސް މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާ: ޔޫރަޕުން މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތަކަށް ޔޫރަޕުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާ މިއަަދު މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މިއަދު އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން މި ބައްދަލުއްވުމުގައި، އިގްތިސާދީ ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ އެއްބާރުލުމާއި، ދެ ގައުމުގެ ގުޅުން އިތުރުކުރުމާއި، ޔޫރަޕަށް ދަތުރުކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، ޒަމީރު ވަނީ ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން ފްރާންސާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

އަދި، ސަފީރު ޕެކްޓެޓް ވަނީ ދެގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ޔޫރަޕުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ އެއްކޮށް ކަނޑާލުމަށް އެދި ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންއާ ވެސް މަޝްވަރާތަކެއް ބޭއްވުމަށް ފަހު، ޑިއުޓީ ކަނޑާލާނެކަން ސަރުކާރަށް ބެލެވުނެވެ. އެއާއެކު، މިފްކޯއިން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ.

ނަމަވެސް އޭގެ ފަހުން ޑިއުޓީ ކަނޑާފައެއްނުވެއެވެ. އަދި މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރުމުން އެ މަސައްކަތް ކުރާ ބައެއް ދިވެހި ކުންފުނިތަކަށް އެ އަގުގައި މަސް ނުގަނެވޭތީ އެ ކުންފުނިތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އައެވެ.

މީގެ އިތުރުން އެ ބަދަލާއެކު މަސްވެރިން ވަނީ އެ މީހުންގެ ބިލަށް ފައިސާ ލިބުމުގައި ވެސް ލަސްތަކެއް އުޅޭ ކަމަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލަތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު މިފްކޯއިން ވަނީ އަގު ރިވިއުކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް