ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ، ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ، ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުޑަކުދިން ވަނީ ޕޮޒިޓިވްވެފައި --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމަށްވާ، ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބަލި ފެނިފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، އެ ކުދިން ބައްޔަށް ޕޮޒިޓިވްވުމުން، އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ވަނީ ހަދައިފައެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހަމައެއާއެކު، ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކޮށް، އެ މީހުންނަށް ބޭސް ދީފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޭޖެންސީން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެ ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށެވެ. އެހެންކަމުން ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކުދިން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ. ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒަކުން ވެކްސިން ޖެހޭނެކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ރޯގާޖެހި ކެއްސާ މީހުންގެ ތެރެއިން، ކެއްސުން ދިގުލައިގެންދާ ނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ނުބަތަ ތުއްތު ކުއްޖެ ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެ ބަލި ޖެހުމުން ފުރަތަމަ ފެންނާނޯ އާންމު ރޯގާތަކުގައިވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެންދެއެވެ.

އެ ބަލި ޖެހުމުން ތުއްތު ކުދިންގެ ފަރާތުން އިތުރު އަލާމާތްތައް ފެނިދާނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެ ނަމަ، ބަލީގައި މާ ބޮޑު އަލާމާތްތަކެއް ނުފެނިދާނެއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް ދާދި ފަހުން ވަނީ ފެނިފައެވެ. އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް