ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާ އެކީ، މިހާރު ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި މަސް މާރުކޭޓުގެ އިމާރާތް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އަލަށް އިންތިޚާބުވި މާލެ ސިޓީގެ މޭޔަރާއި ކައުންސިލަރުން ހުވާކުރެއްވުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި މަސައްކަތަކީ އެ މަނިކުފާނު މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު ވެސް، ކުރަން ނިންމެވި މަސައްކަތެއް ކަމަށެވެ.
ނަމަވެސް، އޭރުގެ އެމްޑީޕީ ސަރުކާރުން އެކަން ކުރައްވަން އެ މަނިކުފާނަށް ފުރުސަތު ނުދެއްވިކަމަށް ތުހުމަތުކުރެއްވިއެވެ. އަދި، އެކަން ކުރެއްވުމަށް ފުރުސަތު ނުދެއްވި ބޭފުޅުން ކަންދިމާކުރި ގޮތުން އެ ރަސްމިއްޔާތުގައި ތިއްބިކަމަށް އިޝާރާތްކުރައްވައި، ރައީސް ނުސީދާގޮތުން ކުރީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މަސް މާރުކޭޓުގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށުމުގެ ހުރިހާކަމެއް ތައްޔާރުވެފައިވާ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ރޯދަމަސް ނިމޭތަނުން އަމަލީ ގޮތުން ލޯކަލް މާރުކޭޓު އެ ހުރިތާގައި، އަމަލީގޮތުން އެ އިމާރާތް އަޅަން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
އެއާ އެކު، މި މަސައްކަތަށް މާލެ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރައްވާ ކަމަށް ވެސް، ރައީސް ވިދާޅުވިއެވެ.
މަސް މާރުކޭޓު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ކެމްޕޭން ތެރޭގައި ވިދާޅުވީ، މަސްމާރުކޭޓު ތަރައްގީ ކުރާނީ ހަތަރު ބުރިއަށް ކަމަށެވެ. އެ ތަނުގައި އެންމެ ތިރީގައި މަސްމާރުކޭޓު ހުންނައިރު މަތީގައި ތަރުކާރީގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރުކަމުގެ ހުވާ، އިދިކޮޅު އެމްޑީޕީއަށް ނިސްބަވްވެވަޑައިގަންނަވާ އާދަމް އާޒިމް ރޭ ވަނީ ކުރައްވައިފައެވެ.
އެ އިންތިޚާބުގައި ދެން ހޮވުނީ، މާފަންނު ދެކުނުގެ ކައުންސިލަރު ޙަސަން ނާޒިމާއި ހެންވޭރު ދެކުނުގެ ކައުންސިލަރު އާމިނަތު ރިޝްފާ އަހުމަދާއި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން ރަޝީދެވެ. އެ ކައުންސިލަރުން ވެސް ރޭ ވަނީ ހުވާ ކުރައްވައިފައެވެ.