ގުޅީފަޅުގެ ބަދަލުގައި، ޕޯޓް އަޅާނީ ތިލަފުށީގައި: ރައީސް

މާލޭ ސިޓީ މޭޔަރު އާޒިމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް: ގުޅީފަޅުގެ ބަދަލުގައި، ވިޔަފާރި ޕޯޓް އަޅާނީ ތިލަފުށީގައި ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ކުރީ ސަރުކާރުގައި ފެށި މަޝްރޫއެއް ކަމަށްވާ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅުގައި ހެދުމުގެ މަޝްރޫއު، ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގުޅީފަޅުގައި ޕޯޓް އެޅުމަކީ ފަންނީ އެއްވެސް މިންގަނޑަކުން، ދުރު ރާސްތާއަށް ބަލާއިރުގައި ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންވެ، ތިލަފުށީގައި އެ ބަނދަރު އަޅައި، ގުޅީފަޅުން ލިބެން އޮތް އެންމެ ބޮޑު ޖާގައެއް ގެދޮރަށް ޙާއްޞަ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބަނދަރު ހަދާނީ ބައިނަލްއަގުވާމީ ފެންވަރަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން މިހާރު ފުރިހަމަ ކުރަމުން އަންނަ ކަމަށާއި އެ ދެ ސަރަހައްދަށް ބިން އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.

"އާދެ އިރާދަކުރެއްވިއްޔާ މި ދެންނެވި ހުރިހާ ބިމެއް ގުޅިގެން ދާނީ ބުރިޖު އެޅިގެން. މިހާރު ފެށިގެން މިދާ ބުރިޖު އަދި ދަނީ ތިލަފުއްޓާ ހަމައަށް. އޭގެ އިތުރަށް އެބަ ބޭނުންވޭ ދެ ބުރިޖެއް އުތުރުތިލަފަޅާ ހަމައަށް ދާން،" ރައީސް ވިދާޅުވިއެވެ.

މާލޭ ސިޓީ މޭޔަރު އާޒިމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް: ގުޅީފަޅުގެ ބަދަލުގައި، ވިޔަފާރި ޕޯޓް އަޅާނީ ތިލަފުށީގައި ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެ ދެ ބުރިޖަށް ބޭނުންވާ މަސައްކަތްތައް ފެށުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލަން ނިންމާފައިވާ ތަރައްގީގެ މާސްޓާ ޕްލޭނާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ގައުމުގެ ތަރައްގީގެ މިސްރާބު އިރުއިރުކޮޅާ ބަދަލުކުރުމަކީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންވެ، ސަރުކާރުން އެކުލަވާލާ މާސްޓާޕްލޭން ވާނީ ރައްޔިތުން ތާއިދުކުރާ، ރައްޔިތުންގެ ފަރާތުން އުފެދިގެން އަންނަ މާސްޓާޕްލޭނަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި އެ މާސްޓާޕްލޭނަށް ގާނޫނެއް ފަރުމާކޮށް، ރައްޔިތުންގެ މަޖިލީހުން އެ މާސްޓާޕްލޭނާ ބެހޭ ގޮތުން ގާނޫނު ފާސްކޮށް އެ ގާނޫނުގައި އޮންނާނެ އެ މާސްޓާޕްލޭނަށް ބަދަލު ދެން ގެނެވޭނެ ގޮތާއި ކުރެވޭނެ ކަންކަން ވެސް،" ރައީސް ވިދާޅުވިއެވެ.

"އެ ހިމާޔަތް ލިބިގެންދާނެ މާސްޓާޕްލޭނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ގެނެސްދޭނަން ރައްޔިތުންނަށް."

ކުރީގެ ސަރުކާރުގައި، ގުޅީފަޅު ބަނދަރު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީގައި ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރިއެވެ. އެ މަޝްރޫއާއެކު، މިހާރު މާލޭގައި ހިންގަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް އެއްކޮށް ގުޅީފަޅަށް ބަދަލުކުރަން އޭރު ސަރުކާރުން އޮތީ ނިންމައިފައެވެ.



comment ކޮމެންޓް