ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް

ވަޒީފާއަށް ހޮވި މީހަކަށް ލިޔުން ހަވާލުކުރަނީ -- ސަން ފައިލް ފޮޓޯ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގެ ތެރޭގައި ބައިވެރިކޮށް، އެ އެ ފަރާތްތަކުގެ ބޭނުން މުޖުތަމައުގައި ހިފުމުގެ މަގުސަދުގައި، އެ ފަރާތްތަކަށް ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އާއްމު ކޮށްފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ، މި ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަޒީފާ ލިބި، ތައުލީމާއި ތަމްރީނާއި، އިނާޔަތްތައް ދިނުމުގައި އެ މީހުން ތަފާތު ނުކުރުމުގެ ފަހި ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.

މި ގަވާއިދުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ކޮންމެ އިދާރާއެއްގައި ވަޒީފާއަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސްކުރުމަށް މަދުވެގެން ދެ ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ތިބެންޖެހެއެވެ.

އަދި ވަޒީފާތަކަށް ކުރިމަތިލުމަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފުރުސަތުތަކާއި ލުއިތަކާއި ފަސޭހަތައް ފުރިހަމައަށް ލިބިދިނުމަށް ޓަކައި އެ ފަރާތްތަކަކީ ދަފުތަރުވެފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަސައްކަތުގެ މާހައުލުގައި ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި ގަވާއިދުގައި ފަހިކޮށްދީފައިވެއެވެ.

ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމަލީ ތަޖުރިބާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދޭ އިދާރާތަކުގެ ތެރެއިން ވަޒީފާ ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ތަންތަނުގެ އިންޓާންޝިޕްގެ ފުރުސަތު ވެސް ލިބޭނެއެވެ.

މި ގަވާއިދު މިހާރު ވަނީ ގެޒެޓު ކުރެވިފައެވެ.

މިކަމަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

comment ކޮމެންޓް