ސަރުކާރުގެ ދެ ހަފުތާގެ ޚަރަދަކީ 836 މިލިއަން ރުފިޔާ، ލޯން ދައްކަން 312 މިލިއަން

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގް: ސަރުކާރުގެ ޚަރަދުތައް ދުވަސްތަކަކަށް ފަހު ރޭ ވަނީ ހާމަކޮށްފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީން އާންމު ގޮތެއްގައި ކޮންމެ ހަފުތާއަކު ވެސް ހާމަކުރާ ސަރުކާރުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް މި މަހު ފުރަތަމަ ފަހަރަށް ރޭ އާންމުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން މި މަހުގެ ފުރަތަމަ ދެ ހަފުތާގެ 'ފިސްކަލް ޑެވެލޮޕްމެންޓްސް' ރިޕޯޓް ނެރެފައިވަނީ، މި އަހަރަށް ފާސްކުރި ބަޖެޓަށް ރިއާޔަތް ކުރުމަށް ފަހު، އެ ތަފާސްހިސާބުންތައް ރިޕޯޓުކުރާ ނިޒާމަށް ބަދަލުތައް ގެނައުމަށް ފަހު ކަމަށެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ޚަރަދުތައް ހުރީ 148.2 މިލިއަން ރުފިޔާގައެވެ. އަދި, މި މަހުގެ 11އާ ހަމައަށް އެ އަދަދު ވަނީ 836.3 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ ރިކަރަންޓް ޚަރަދު ކަމަށްވާއިރު 25 ޕަސެންޓަކީ ކެޕިޓަލް ޚަރަދެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި، ކުރީ ސަރުކާރުގެ ޚަރަދު ހުރީ 993.4 މިލިއަން ރުފިޔާގައެވެ.

މި އަހަރުގެ އެ މުއްދަތުގައި ދައުލަތަށް 390.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. އޭގެ ތެރެއިން 71 ޕަސެންޓަކީ ޓެކްސްއިން ލިބުނު އާމްދަނީ ކަމަށްވާއިރު ޓެކްސް ނޫން އާމްދަނީ ހިއްސާކުރަނީ ބާކީ 29 ޕަސެންޓެވެ. ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުން ނަގާ ޖީއެސްޓީންނެވެ. އެއީ, 114.4 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް 474.7 މިލިއަން ރުފިޔާ ލިބުނެވެ.

މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ޚަރަދުތަކުގެ ތަފުސީލަށް ބަލާއިރު، މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި ޚަރަދު 4.3 މިލިއަން ރުފިޔާއަށް އަރައެވެ. އަދި، ލޯން އަނބުރާ ދެއްކުމަށް 312.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓަށް ޚަރަދުކޮށްފައިވާ މިންވަރަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކޮށްފައި ވަނީ ތައުލީމީ ދާއިރާއަށެވެ. އެއީ، 39.4 މިލިއަން ރުފިޔާއެވެ. ދެވަނައަށް، އަމަން ބެލެހެއްޓުމާއި ސަލާމަތީ ޚިދުމަތްތަކަށް 22.5 މިލިއަން ޚަރަދުކޮށްފައިވެއެވެ.

ސަރުކާރުން މި ރިޕޯޓު ނެރެފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 28ގެ ފަހުން ފިނޭންސް މިނިސްޓްރީން، ދައުލަތުން ހަފުތާއަކަށް ކުރާ ޚަރަދުތަކުގެ ތަފުސީލު ހާމަނުކުރާތީ ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.

މިދިޔަ އަހަރަށް ބަޖެޓުގެ ގޮތުގައި މަޖިލީހުން ފާސްކުރީ 42.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުމުގެ ކުރިން ޚަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ފާސްކުރިއެވެ.

comment ކޮމެންޓް