އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭ ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއިން އެ ބުރިޖުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެ ޕްރޮޕޯޒަލްއާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލުން މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރި ކަމަށެވެ.
އެ ކުންފުނިން ވަނީ، އެ ބުރިޖާ ގުޅުންހުރި ސާވޭތައް ހިލޭ ހަދައިދޭނެ ކަމުގެ އިޝާރާތެއް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީވެ އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިއްބެވި ކަމަށްވާނަަ އެކަމުގެ މަސައްކަތް އެބޭފުޅުންނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.
ބުރިޖަކުން ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރު އިންތިޚާބުތެރޭ އައްޑޫއަށް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެ ވައުދުވެ ވަޑައިގެންފައެވެ.
އެގޮތުން ރައީސް އޭރު ވިދާޅުވީ، ހުޅުމީދޫ ބުރިޖުގެ މަސައްކަތް ވެރިކަމުގެ އެންމެ ފުރަތަމަ އަހަރު ވެސް ފަށާނެ ކަމަށެވެ.