އުނގޫފާރުގައި އައިޔޫއެމްގެ ލާނިން ސެންޓަރެއް ހުޅުވައިފި

އުނގުފާރުގައި އައިޔޫއެމްގެ ލާނިން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ރ. އުނގޫފާރުގައި އައިޔޫއެމްގެ ލާނިން ސެންޓަރެއް ހުޅުވައިފިއެވެ.

މިކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތުގައި މި ލާނިން ސެންޓަރު ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.

ޑރ. އަލީ ޒާހިރުގެ އިތުރުން މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރާއި، އުނގޫފާރު ކައުންސިލުގެ ރައީސް، ރ. އަތޮޅު ފުލުހުންގެ ކޮމާންޑަރާއި، އުގުފާރު ސްކޫލުގެ ޕްރިންސިޕަލް އަދި އެ ރަށު ޕޮލިސް ސްޓޭޝަނުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

އެ ސެންޓަރު ހުޅުވާފައިވަނީ ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އަފްރާޝީމް ފަދަ، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ދީނީ އިލްމުވެރިއެއްގެ ހަނދާނުގައި، އޭނާގެ އުފަން ރަށުގައި، އޭނާ އުސްތާޒެއްގެ ގޮތުގައި އެތައް އަހަރެއްވަންދެން ކިޔަވައިދެއްވާފައިވާ ޔުނިވާސިޓީގެ ސެންޓަރެއް ހުޅުވުމަކީ ތާރީޚުގައި ލިޔެވިގެންދާ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އުނގުފާރުގައި އައިޔޫއެމްގެ ލާނިން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--

އަލީ ޒާހިރުގެ ވާހަކަފުޅުގައި އިލްމު އުނގެނުމުގެ މުހިއްމު ކަމާއި ޢިލްމުގެ އެހީގައި މީހުންގެ ދިރިއުޅުމާއި ނަފުސުގެ ތަރައްގީއަށް ގެނެވޭ ހެޔޮ ބަދަލުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވައިލައިފައެވެ.

އެ ލާނިން ސެންޓަރުގައި ހަތަރު ކްލާސްރޫމާއި، އިދާރީ އޮފީހަކާއި، ލައިބްރަރީއެއް ހުރެއެވެ. އެ މަރުކަޒަކީ ދަރިވަރުންނަށް ކިޔެވުމަށް ފަހި މާހައުލަކަށް ހެދުމަށް އިތުރު ވަސީލަތްތައް އެ ސެންޓަރުގައި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

އެ ޔުނިވާސިޓީގައި ފަސް ކޯހެއް މި ޖެނުއަރީ މަހުގައި ފެށުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އައިޔޫއެމުން ބުންޏެވެ.

އެ މަރުކަޒުގައި ކޯސްތައް ހިންގުމަށް އިސްލާމިކް މިނިސްޓްރީން އައިޔޫއެމްއަށް ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް