ހުވަދޫ ސްކޫލުގައި ހަނގާކުރި ކުއްޖާއަށް ރައްކާތެރިކަން ދީ، މައްސަލަ ބަލަން ފަށައިފި

ހުވަދޫ ސްކޫލުގައި ކުއްޖަކަށް އަނިޔާކޮށް ބުލީކުރުން -- ފޮޓޯ/ ސޯޝަލް މީޑިއާ

މި ދިޔަ ބުރާސްފަތި ދުވަހު ހުވަދޫ ސުކޫލުގެ ދަރިވަރަކަށް ހަނގާކުރިކަމުގެ މައްސަލައެއް ފެންމަތިވުމާއެކު، މިހާރު އެ ކުއްޖާއަށް ފުރިހަމަ ރައްކާތެރިކަން ދީ، އެ މައްސަލަ ބަލަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު 'ސަން' އާ ވާހަކަދައްކަވަމުން ވިދާޅުވީ، ހަނގާކޮށް އަނިޔާގެ ޝިކާރައަކަށްވި ކުއްޖާއަށް މިހާރު ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދީފައިވާކަމަށެވެ. އަދި މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓެއްގައި އެ ކުއްޖާގެ އާއިލާ މީހަކުވަނީ، ކުއްޖާއަށް ދިމާވަމުން އައި ކަންކަން ހިއްސާކޮށްފައެވެ.

އެއާއެކު "ސަން"އަށް މައުލޫމާތު ދެމުން ކުއްޖާގެ އާއިލާ މީހަކު ކިޔައިދިނީ އެ ކުއްޖާ ހަނގާކުރުމުގެ އެކި ކަންކަމާ ސްކޫލު ތެރެއިން ކުރިމަތިލަމުން އަންނަތާ އަށްމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަނިޔާކުރަމުން ގޮސް، މިދިޔަ ހޯމަ ދުވަހު އެ ކުއްޖާގެ ގައިގައި ގޮނޑިންނާއި، މޭޒުން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށް، ކަރާ ދިމާއިން ކަށިގަނޑެއް ބިނދިފައިވާކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ކިޔައިދިނެވެ. އަދި މައިބަދައަށް ވެސް އަނިޔާ ލިބިފައިވާކަމަށް ބުންޏެވެ.

އަދި އެ ކަމުގެ މައްސަލަ ތަކުރާރުކޮށް ސްކޫލަށް ހުށަހަޅައިގެން ވެސް އެއްވެސް ހައްލެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްކޫލުން ބުނަނީ ކުދިންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމަށް. ޕޭރެންޓުންނާ ވަހަކަދައްކާ ކަމަށް. ހައްލެއް ނުލިބި ގޮސްތާ މިހާ ހިސާބަށް މި އައީ،" އާއިލާއިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

އޭނާ ބުނީ، އެ ކުއްޖާގެ އިތުރު މެޑިކަލް އެސެސްމަންޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ސްކޫލުތަކުގައި ހަނގާކުރުމުގެ ސީރިއަސް މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން ހުޅުމާލޭގެ ސްކޫލެއްގައި ވެސް މި ފަހުންވަނީ އެ ފަދަ ކަމެއް ހިނގައިގެން މައްސަަލައެއް ފާހަގަވެފައެެވެ.

comment ކޮމެންޓް