ޓްރިޕިއާއަށް ކުރި ބިޑު ނިއުކާސަލުން ގަބޫލެއް ނުކުރި

ނިއުކާސަލް ޔުނައިޓެޑުގެ އިނގިރޭސި ޑިފެންޑަރު ކިއެރަން ޓްރިޕިއާ -- ފޮޓޯ/ ގެޓީ

އިނގިރޭސި ޑިފެންޑަރު ކިއެރަން ޓްރިޕިއާ އެއްބަސްވި ނަމަވެސް، ބަޔާން މިއުނިކްގެ ބިޑު ނިއުކާސަލް ޔުނައިޓެޑުން ގަބޫލުނުކޮށް ދޫކޮށްލައިފިއެވެ.

ނޫސްވެރިޔާ ކެރީ ހައު ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަހުގެ ޓްރާންސްފާގައި ނިއުކާސަލް ދޫކޮށް، ބަޔާންއާ ގުޅުމަށް ޓްރިޕިއާ ބޭނުންވެއެވެ. ނަމަވެސް ބަޔާންގެ ފުރަތަމަ ބިޑަށް ނިއުކާސަލުން ނޫނެކޭ ބުނެފައިވާކަމަށް ފަހުގެ ރިޕޯޓުތައް ބުނެއެވެ.

ބަޔާނުން ޓްރިޕިއާ ހޯދުމަށް މަސައްކަތް ކުރަމުންދަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ޑިފެންޑަރު ނޯޑީ މިކިއެލޭ ނުލިބިއްޖެ ހާލަތެއްގައެވެ. މިކިއެލޭއަށް ވުރެ ޓްރިޕިއާގެ އަގު ކުޑަކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރިޕިއާއަކީ ޓޮޓެންހަމް ހޮޓްސްޕާއަށް ބަޔާންގެ އިނގިރޭސި ފޯވަޑް ހެރީ ކޭންއާއެކު ކުޅުނު ކުޅުންތެރިއެކެވެ. އޭގެ އިތުރުން އެ ދެ ކުޅުންތެރިންނާއެކު ޓޮޓެންހަމަށް ކުޅުނު އިނގިރޭސި ޑިފެންޑަރު އެރިކް ޑަޔާ ވެސް ވަނީ ދާދި ފަހުން ބަޔާންއާ ގުޅިފައެވެ.

ޓްރިޕިއާގެ ބިޑު ކްލަބުން ގަބޫލުނުކުރުމުން ދެން އޭނާ ތައްޔާރުވާން ޖެހޭނީ އެފްއޭ ކަޕްގައި ނިއުކާސަލުން ފުލަމްއާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27ވަނަ ދުވަހެވެ.

comment ކޮމެންޓް