އަޖޭގެ ސުޕަ ނެޗުރަލް ތުރިލާއެއް މާޗު މަހު

ބޮލީވުޑް ފިލްމީ ތަރިން ކަމަށްވާ އަޖޭ ދޭޥްގަން އަދި އާރް މާދްވަން-- ފޮޓޯ/ބޮލީވުޑްބަބްލް

މި އަހަރު އިތުރު ފަސް ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ އިތުރު ސުޕަ ނެޗުރަލް ތުރިލާއެއް މާޗު މަހު ރިލީޒްކުރާނެކަން އިއުލާނުކޮށް ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

"ޝައިތާން"ގެ ނަމުގައި އުފައްދާ މި ފިލްމަކީ ޑައިރެކްޓަރު ވިކާސް ބާލްގެ އުފެއްދުމެކެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ގަނަޕަތު"ގެ ޑައިރެކްޓަރުގެ މި ފިލްމަކީ، އާދަޔާ ޚިލާފު ބިރުވެރި ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. އަޖޭގެ އިތުރުން ތަޖުރިބާކާރު ފިލްމީތަރި އާރް މާދަވަން މުހިއްމު ރޯލަކުން ފެންނާނެ މި ފިލްމަކީ، މިދިޔަ އަހަރު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. ގުޖްރާތުގެ އެ ފިލްމަށް ލިބުނު ތަރުހީބާ އެކު "ޝައިތާން"ގެ ނަމުގައި ގެނެސްދޭ ފިލްމަކީ، ހިންދީ ސިނަމާގެ ސުޕަ ނެޗުރަލް ފިލްމު ބެލުމަށް ޝައުގުވެރިވާ އޯޑިއަންސާ ގުޅޭނެ ގޮތަކަށް ވާހަކަ ބައްޓަން ކުރެވިފައިވާ ފިލްމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޖިއޯ ސްޓޫޑިއޯ، ޕެނޮރަމާ ސްޓޫޑިއޯއާ އަދި އަޖޭ ދޭވްގަންގެ ދޭވްގަން ފިލްމްސްއިން ގުޅިގެން އުފައްދާ މި ފިލްމަކީ، އަޖޭއާއި ވިކާސް ބާލް އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.

އަޖޭ ދޭވްގަން އަދި ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ-- ފޮޓޯ/އިންޓަނެޓް

މިދިޔަ އަހަރު ފިލްމު "ބޯލާ"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު އެކްޓަރުގެ ފިލްމު "ޝައިތާން"އަށް ފަހު ބެލުންތެރިންނަށް އަޖޭ ފެންނާނީ މި އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރެވޭ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ"އިންނެވެ.

އަޖޭ މި އަހަރު މަސައްކަތް ކުރަމުން އަންނަ އިތުރު ފިލްމުތަކުގެ ތެރޭ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް3"، "ރެއިޑް2" އަދި ބޮނީ ކަޕޫރުގެ ފިލްމު "މައިދާން" ހިމެނެއެވެ.

comment ކޮމެންޓް