ފުށިދިއްގަރުފަޅު ހިއްކަން ޚަރަދުވާނީ ފަސް ބިލިއަން ރުފިޔާ: އާޒިމް

މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ ބޭކާރު ވަޒީފާ ނުއުފައްދާނެ ކަމަށް، އެކަމަކު ގާބިލު މީހުން ކައިރިއަށް ގެންނާނެ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މި ސަރުކާރުގެ އެންމެ މުހިންމު ބޯހިޔާވަހިކަމުގެ މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކަން 10 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މަޝްރޫއަށް ހަގީގަތުގައި ޚަރަދުވާނީ ފަސް ބިލިއަން ރުފިޔާކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މިރޭ ސަލްޓަން ޕާކުގައި އޮތް "މާލޭ ބިންވެރިންގެ ސައްލާ"ގައި ވާހަކަ ދައްކަވަމުންނެވެ.

"...އަޅުގަނޑަކީ މިކަމުގައި އެންމެ ގިނަ ތަޖުރިބާ ހުރި އެކަކު މިވާހަކަ ދައްކަމުން މިދަނީ، ފަސް ބިލިއަން ދާނީ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިސާއިން ގުޅީފަޅާއި ގިރާވަރު ފަޅާއި އުތުރުތިލަފަޅު ހިއްކައި، އެތަންތަނުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަރިހުގައި އާދޭސް ދަންނަވާކަމަށެވެ.

ތަރައްގީގެ މަޝްރޫތަކާ ދެކޮޅު ނޫންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މިއަދު ރައްޔިތުންނަށް ފަސޭހައިން ދެވޭނީ އަދި އަވަހަށް ދެވޭނީ މާލެއާ ގާތުގައި އޮތް ތަނެއް ހިއްކާ ތަރައްގީ ކުރުމުން ކަމަށެވެ.

"އަޅުގަނޑު ފުށިދިއްގަރުފަޅު ކަންތަކުގައި މި ބުނާ ވާހަކައަކީ އަދިވެސް ހުޅުމާލޭގައި ކަންތައްތައް ފުރިހަމަ ނުވާތީ މާލެ ނައިހެއް ނޫޅެވެއޭ،" އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ފުށިދިއްގަރުފަޅުގައި ދިރިއުޅެމުން ކޮންމެ ދުވަހަކު މާލެ ދަތުރުކުރާނީ ކިހިނެއްތޯ އާޒިމް ވަނީ ސުވާލު އުފައްދަވައިފައެވެ. އެހެންކަމުން ފަސޭހަވާނޭ ތަން އަވަހަށް ހިއްކައިދީ މިކަން ނިންމައިދިނުމަކީ މުހިންމުކަމެއް ކަމަށް އާޒިމް ވިދަޅުވިއެވެ.

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެގައުމާ މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލު ކުރުމަށް އެދޭކަމަށެވެ.

"ފުށިދިއްގަރުފަޅުގައި ތިބުނާ އެގްރިކަލްޗަރަލް މަސައްކަތް ކޮށްގެން އެ އެއްޗިހި މާލެ ވެސް އެހެން ތަނަކަށް ވެސް ގެނެވިދާނެ. އެއީ ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެއް ނޫން،" މީހުން ދިރިއުޅޭ ތަނެއްގައި ކޮންމެ ދުވަހަކު ދަތުރުފަތުރު ކުރަން ޖެހޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅުގައި ހަދާ ރަސްމާލެ ހިއްކަން 10.7 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ހަރަދުވާނެ ކަމަށް ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އޭނާ ވިދާޅުވީ އެ ފައިސާ ޚަރަދު ކުރާނީ ކޮންޓްރެކްޓަރު ކަމަށާއި އެ ކުންފުނިން 500 އާއި 700 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދުކުރާނެ ކަމަށެވެ.

އެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ، ބިން ހިއްކާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 70 ހެކްޓަރުގެ ބިން ދީގެންނެވެ. އެއީ 49 އަހަރާއި 50 އަހަރަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން ދީގެންނެވެ.

comment ކޮމެންޓް