ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް މިރޭ އަންގަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާއެކު ކަމަށް ބުނެފައެވެ. މި ހިތާމަވެރި ވަގުތުގައި، 13 އަހަރުގެ އެ ކުއްޖާގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ރައީސް އޮފީހުން ބުނީ، ބަލި މީހުން ގެނައުމުގެ ނިޒާމު އިސްލާހު ކުރުމުގެ އިތުރުން، ޖާހުގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު އެ މަނިކުފާނަށް ދެއްވުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސް އަންގަވާފައިވާ ކަަމަށެވެ.
މީގެ އިތުރުން، ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިޔުމަށް ރައީސް މިއަދު އެދިވަޑައިގަތް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރައީސްގެ އެ އެދިވަޑައިގަތުމާ އެއްގޮތަށް، އައިލޭންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން މޯލްޑިވިއަންގެ އުސޫލަށް ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ހޮސްޕިޓަލަކުން އެމަޖެންސީ ކޭސްއެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާންޖެހޭނީ ބަލި މީހާ އުފުލަން ކަމަށް ކަނޑައަޅައި، އެ އެއާލައިންގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ މިއަދު ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްގެންދާ އެއް ކަމަކީ އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކުރުން ކަމަށެވެ. އެ ޚިދުމަތް އަންނަ މާޗު މަހުގެ އެކެއްގައި ފަށަން ރާވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިންމު މަސައްކަތެކެވެ.
މީގެ ކުރިން ރައީސް ވަނީ، ބަލި މީހުން އުފުލަން އެއާ އެމްބިއުލާންސް ތައާރަފުކޮށް، ދެން އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޖާހު މާލެ ގެނައުން ލަސްވި ކަމަށް ބުނެ، ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލު ކައިރީގައި ބައެއް މީހުން މުޒާހަރާ ވެސް ކުރިއެވެ. އަދި ބައެއް މީހުން ވަނީ އެއީ ސިއްހީ އެމާޖެންސީތަކަށް އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް ބޭނުން ކުރަން ދެކޮޅު ހެދުމުން ލަސްވި ލަސްވުމެއް ކަަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވަނީ މެޑިކަލް އިވެކުއޭޝަނަށް އާންމުކޮށް ބޭނުންކުރަނީ މޯލްޑިވިއަންގެ ފްލައިޓުތައް ކަމަށް ވިދާޅުވެ އެ ތުހުމަތުތަކަށް ރައްދު ދެއްވައިފައެވެ.
އިންޑިއާއިން ހަދިޔާ ކުރި ވައިގެ އުޅަނދުތައް ދުއްވަން ރާއްޖޭގައި ތިބި އެގައުމުގެ ސިފައިން ބޭރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ.
އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އެ މަސައްކަތް ފައްޓަވައި، މާޗު 15ގެ ކުރިން ސިފައިން ގެންދިޔުމަށް ރައީސް ވަނީ އިންޑިއާގައި އެދިވަޑައިގެންފައެވެ.