ތުހުމަތަށް ޣައްސާންގެ ރައްދު: މެޑިކަލް އިވެކުއޭޝަނަށް ރައީސްގެ ހުއްދައެއް ބޭނުމެއްނުވޭ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: ޣައްސާން ވަނީ މެޑިކަލް އިވެކުއޭޝަންގައި ރައީސްގެ ހުއްދައެއް ހޯދަން ނުޖެހޭ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ކުއްލި ހާލަތްތަކުގައި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދިޔުމުގައި އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގައި، ހުއްދަ ހޯދަން ޖެހޭ ކަމަށް އުސޫލުގައި ނޯންނަ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވި ކަމަށް އާއިލާއިން ބުނި 13 އަހަރުގެ ކުއްޖަކު، އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އެ މައްސަލައާ ގުޅިގެން ބައެއް މީހުން ވަނީ، ކުއްޖާ މާލެ ގެނައުން ލަސްވީ، އިންޑިއާއިން ސިއްހީ ކުއްލި ހާލަތުގައި އެހީ ފޯރުކޮށްދިނުމަށް ދީފައިވާ އުޅަނދުތައް ބޭނުންކުރަން ދެކޮޅު ހެދުމުން ކަމަށް ތުހުމަތުކޮށްފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޑިކަލް އިވެކުއޭޝަނަކީ އެކަމާ ގުޅޭ އިދާރާތަކުން ގުޅިގެން ކުރާ ކަމެއް ކަމަށެވެ. އަދި އެ އޮޕަރޭޝަންތަކުގައި އާންމުކޮށް ބޭނުންކުރަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް ނޫންކަން ދޭހަވާ ތަފާސްހިސާބެއް ވެސް އޭނާ ހިއްސާކުރެއްވިއެވެ.

"ދެހާސް އެކާވީހުން ފެށިގެން ސްޓެޓްސްއަށް ބަލާއިރު މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށް،" ޣައްސާންގެ ޕޯސްޓުގައިވެއެވެ.

މިއަދު ނިޔާވި ކުއްޖާއަށް ވިލިނގިލިން ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ، އެ ރަށު ރައްޔިތުން އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަން ބޯޑު ބަދަލުކޮށް، ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާކުރިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކުއްޖާ މާލެ ގެނެސްފައިވާއިރު، އައިޖީއެމްއެޗްއިން މިއަދު ބުނި ގޮތުގައި، އެ ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ 11:10ގައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވެ، ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ވަނީ މި މައްސަލައާ އިންޑިއާ އައުޓް ހަރަކާތާ ގުޅުވައި ވާހަކަދައްކަވައިފައެވެ.

ސައުދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫގައި އިހި ނަގަން އުޅެނިކޮށް މިދިޔަ މަހު ގެއްލުނު މުހައްމަދު ނައީޝްގެ މައްސަލަ ވެސް ގުޅިފައިވަނީ އިންޑިއާ އައުޓް ހަރަކާތާ ކަމަށެވެ.

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓުތައް ނައީޝް ހޯދުމުގެ މަސައްކަތަށް ބޭނުންނުކުރި މައްސަލައަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ، އެ ދެ ކުދިން ވެސް ވެފައި ވަނީ އިންޑިއާ އައުޓް ހަރަކާތުން ހިންގި "ދޮގާއި އޮޅުވާލުމުގެ ޝިކާރައަކަށް" ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކޮންމެ ފަދަ ނިކަމެތި ހާލަތެއް ދިމާވިޔަސް ވަރިހަމަކޮށް، ރައްޔިތުންނަށް އިހުމާލު ވަމުންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21ގައި، އައްޑޫ ސިޓީ ގަމު, ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ނައީޝް ހޯދުމުގެ މަސައްކަތް މިހާތަނަށް ކާމިޔާބެއްނުވެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް، މިދިޔަ ދައުރުގައި އިދިކޮޅުގައި އޮތް ޕީޕީއެމް، ޕީއެންސީން ފެށި ހަރަކާތެކެވެ. އެ ކޯލިޝަން ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ އިންޑިއާ ސިފައިން ބޭލުމެވެ.

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އެ މަސައްކަތް ފައްޓަވައި، މާޗު 15ގެ ކުރިން ސިފައިން ބޭލުމަށް ރައީސް ވަނީ އިންޑިއާގައި އެދިވަޑައިގެންފައެވެ.

comment ކޮމެންޓް