ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވި ކަމަށް އާއިލާއިން ބުނި ކުއްޖާ، އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މިއަދު ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ނިންމަވައިފިއެވެ.
އުމުރުން 13 އަހަރުގެ އެ ކުއްޖާ ނިޔާވި މައްސަލައާ ގުޅޭ ގޮތުން ސައުދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލައާއި އައްޑޫގައި އިހި ނަގަން އުޅެނިކޮށް މިދިޔަ މަހު ގެއްލުނު މުހައްމަދު ނައީޝްގެ މައްސަލަ ގުޅިފައިވަނީ އިންޑިއާ އައުޓް ހަރަކާތާ ކަމަށެވެ.
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓުތައް ނައީޝް ހޯދުމުގެ މަސައްކަތަށް ބޭނުންނުކުރި މައްސަލައަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ، އެ ދެ ކުދިން ވެސް ވެފައި ވަނީ އިންޑިއާ އައުޓް ހަރަކާތުން ހިންގި "ދޮގާއި އޮޅުވާލުމުގެ ޝިކާރައަކަށް" ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކޮންމެ ފަދަ ނިކަމެތި ހާލަތެއް ދިމާވިޔަސް ވަރިހަމަކޮށް، ރައްޔިތުންނަށް އިހުމާލު ވަމުންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ދޫކޮށްލައިގެން ތިބެވޭވަރަށްވުރެ ސީރިއަސް މައްސަލައެއް. ގައުމުގައި ލިބެންހުރި ވަސީލަތެެއް ބޭނުންނުކޮށް ވިލިނގިލީގެ ޒުވާން ދަރިއަކު އަވަސް ފަރުވާއަށް މާލެ ނުގެނެވި ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!" އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ އެފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ކަމަށެވެ.
"މިއީ ވިލިނގިލީ ރައްޔިތުންނަށް ހިތްދަތި ދުވަހެއް،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 21ގައި، އައްޑޫ ސިޓީ ގަމު, ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ނައީޝް ހޯދުމުގެ މަސައްކަތް މިހާތަނަށް ކާމިޔާބެއްނުވެއެވެ.
އައިޖީއެމްއެޗްއިން މިއަދު ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލިން މާލެ ގެނައި ކުއްޖާ ނިޔާވެފައިވަނީ މިއަދުގެ 11:10ގައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.
މީގެ ކުރިން އެ ރަށު ކައުންސިލުން ވަނީ، އަވަސް ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތި، އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އެ ކުއްޖާގެ ހާލު ދަށްވަމުންދާ ކަމަށް ބުނެފައެވެ.
މީގެ ކުރިން އެ ކުއްޖާއަށް ދޭންޖެހޭ ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ، އެ ރަށު ރައްޔިތުން އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަން ބޯޑު ބަދަލުކޮށް، ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާވެސް ކޮށްފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށްޓަކައި މަސައްކަތް ކުރިނަމަވެސް އެ މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.