މައިކްރޯސޮފްޓްގެ ސީނިއާ މުވައްޒަފުންތަކެއްގެ އީމެއިލްތަކެއް ހެކްކޮށްފި

ހެކަރުންގެ މި ހަމަލާގެ ސަބަބުން މައިކްރޯސޮފްޓްގެ އެންމެމަތީ ފަންތީގެ މުވައްޒަފުންނަށްވެސް ވަނީ އަސަރުކޮށްފި ---

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސޮފްޓްވެއާ ކުންފުނި މައިކްރޯސޮފްޓްގެ ސީނިއާ މުވައްޒަފުންތަކެއްގެ އީމެއިލްތަކެއް ހެކްކޮށްފިކަމަށް އެ ކުންފުނިން ބުނެފިއެވެ.

މައިކްރޮސޮފްޓުން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ އީމެއިލްތައް ހެކްކުރީ ރަޝިއާއާ ގުޅިފައިވާ ގްރޫޕަކުން ކަމަށެވެ.

މައިކްރޮސޮފްޓުން ބުނީ ރަޝިއާއާ ގުޅުން ހުރި ހެކިން ގްރޫޕަކުން އެ ކުންފުނީގެ ކޯޕަރޭޓް ސިސްޓަމްތަކަށް ހަމަލާދީ، އީމެއިލް އެކައުންޓްތަކަށް ވަދެފައިވާ ކަމަށާއި އޭގެ ތެރޭގައި ސައިބާ ސެކިއުރިޓީއާއި ލީގަލްގައި މަސައްކަތް ކުރާ ސީނިއާ ލީޑާޝިޕާއި މުވައްޒަފުންގެ އެކައުންޓްތައް ހިމެނޭ ކަމަށެވެ.

އެ ކުންފުނިން ބުނީ ހެކަރުންގެ އަތްދަށަށް ދިޔަ ސިސްޓަމްތައް ރަނގަޅު ކުރުމަށް ވަގުތުން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ކަހަލަ ހުރަސްތަކެއް މައިކްރޯސޮފްޓްގެ ޔޫޒަރުންނަށް ކުރިމަތިވެދާނެ ކަމަށެވެ.

ހެކިން ގުރޫޕުން ކަސްޓަމަރުންގެ ސިސްޓަމްތަކަށް ނުވަތަ މައިކްރޮސޮފްޓް ސާވާތަކަށް ވަދެފައިވީ ނަމަވެސް މައިކްރޯސޮފްޓްގެ ޕްރޮޑަކްޓްތައް ހެކަރުން ބޭނުންކުރާކަމަށް ނުފެންނަ ކަމަށް އެ ކުންފުނިން ހުކުރު ދުވަހު ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.

"މިޑްނައިޓް ބްލިޒާޑް" ނަމަކަށް ކިޔާ މި ގްރޫޕުން، މި ހަމަލާ ދީފައިވާއިރު، މައިކްރޮސޮފްޓްގެ ހިއްސާ އޮންނަ ލެގަސީ ސިސްޓަމްތަކަށާއި އެތެރޭގެ ވިޔަފާރީގެ ޕްރޮސެސްތަކަށް، ސެކިއުރިޓީ ސްޓޭންޑަޑްތައް ތަންފީޒު ކުރުމަށް ވަގުތުން ފިޔަވަޅު އަޅާނެކަމަށް މައިކްރޯސޮފްޓުން ވަނީ ބުނެފައެވެ.

އެހެންކަމުން މި ބަދަލުތަކުގެ ސަބަބުން މިހާރު ހުރި ވިޔަފާރީގެ ޕްރޮސެސްތައް ކުރިއަށް ގެންދިއުމުގައި ޔޫޒަރުންނަށް ފަހަރެއްގައި ބުރުލެއް އަރައިފާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މައިކްރޮސޮފްޓުގެ އީމެއިލްތަކަށް ހަމަލާދިން އެ ގްރޫޕަކީ ރަޝިއާ ސަރުކާރާއި، ގުޅިފައިވާ ޒަމާނީ ނޭޝަން ސްޓޭޓް ހެކިން ގްރޫޕެކެވެ. އެމެރިކާގެ ފެޑެރަލް އެޖެންސީތަކާ ދެކޮޅަށް ސައިބާ ޖާސޫސް ކުރުމުގެ ބޮޑު މަސައްކަތުގެ ދަށުން އެމެރިކާގެ ފެޑެރަލް ކޮންޓްރެކްޓަރެއް ކަމަށްވާ ސޯލާވިންޑްސް ވެސް އެ ގްރޫޕުން ވަނީ މީގެ ކުރިން ހެކްކޮށްފައެވެ.

މައިކްރޯސޮފްޓުން ބުނީ ނޮވެމްބަރު މަހުން ފެށިގެން ހެކަރުން ވަނީ އެ ކުންފުނީގެ ސިސްޓަމްތަކަށް ވަނުމަށް "ޕާސްވޯޑް ސްޕްރޭ" ނަމަކަށް ކިޔާ ޓެކްނިކެއް ބޭނުންކޮށްފައި ކަމަށެވެ.

ބައެއް ފަހަރު "ބްރޫޓް ފޯސް އެޓޭކް" ގެ ނަމުން ނަން ދީފައިވާ އެ ޓެކްނިކްގައި އާންމުކޮށް ޓާގެޓެޑް ކޯޕަރޭޓް އެކައުންޓްތަކަށް ވަނުމަށް މަސައްކަތް ކުރުމުގެ ގޮތުން ވަކި ޔޫޒާ ނަމެއްގައި ގިނަ ޕާސްވޯޑްތަކެއް އަވަހަށް ލިޔުން ހިމެނެއެވެ.

މި މައްސަލައިގައި އެކްސެސްކޮށްފައިވާ އެކައުންޓްތަކުގެ އިތުރުން ހަމަލާ ދިން މީހުން ވަނީ އީމެއިލްތަކާއި އެޓޭޗްކޮށްފައިވާ ލިޔުންތައް ވެސް ވަގަށް ނަގައިފައެވެ. މައިކްރޮސޮފްޓުން ބުނީ ހެކްކުރިކަން އެނގުނީ ޖެނުއަރީ މަހުގެ 12ވަނަ ދުވަހު ކަމަށާއި އެހެންކަމުން އެ ކުންފުނީގެ އީމެއިލްތަކަށް ވަދެފައިވާ މުވައްޒަފުންނަށް އެކަން އަންގަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީގެ ސައިބާ ސެކިއުރިޓީގެ އެގްޒެކެޓިވް އެސިސްޓެންޓް ޑައިރެކްޓަރު އެރިކް ގޯލްޑްސްޓެއިން ވިދާޅުވީ ސަރުކާރުގެ އޮފިޝަލުން މައިކްރޮސޮފްޓާ ގުޅިގެން މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދަމުންދާމަށާއި އޭގެ އަސަރުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައިކްރޯސޮފްޓަކީ ހެކަރުންގެ ސައިބާ ހަމަލާތައް ފުދޭވަރަކަށް ގިނައިން އަންނަ ކުންފުންޏަކަށްވާއިރު، މިދިޔަ ނޮވެމްބަރު މަހު މައިކްރޮސޮފްޓުން ވަނީ އެ ކުންފުނީގެ ސޮފްޓްވެއާތަކާއި ސިސްޓަމްތައް ހިމާޔަތްކުރާ ގޮތް އޯވަހޯލް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް