ރައީސްގެ މެސެޖަކާއެކު ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފި

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 1،000 ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އާދަމް ނިޝާމް

މާލޭ ރައްޔިތުންގެ ގޯތިތަކާ ގުޅޭ ގޮތުން ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމައިފިއެވެ.

މާލޭ ބިންވެރިންގެ ސައްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ.

ހަތަރު ޖަމިއްޔާއަކުން އިސްނަގައިގެން ބާއްވާ މި ބައްދަލުވުމަށް ބިންވެރިޔާ ސްކީމުން ބިން ލިބުނު އެންމެނަށް ދަޢުވަތު ދީފައިވެއެވެ. އެ ހަތަރު ޖަމިއްޔާއަކީ މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓީޒަން އެސޯސިއޭޝަންއެވެ.

މި ޖަމިއްޔާތަކުން ކަނޑައެޅި މަންދޫބު ސުނާދު ލަތީފު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. އޭނާ ވިދާޅުވީ މާލެ ރައްޔިތުންގެ ގޯތިތަކާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ދެއްވި މެސެޖު މިރޭ އޮންނަ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކުންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުންވެސް ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް