އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މިހާރު ވާދަ ކުރަމުންދާ މިސްރު ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހަށް އަނިޔާވެ އެ ޓީމު ދެން ކުޅޭ ދެ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
މިއާއެކު އެފްކޮން ގްރޫޕް ބީގައި މިސްރު ކުޅޭ ފަހު މެޗު ކަމަށްވާ ކާބޯ ވާޑޭ އާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގައި ސަލާހްއަކަށް ނުކުޅެވޭނެއެވެ. އަދި ފަހު 16 ޓީމުގެ ބުރަށް ދަތުރު ކޮށްފިނަމަ އެ ބުރުގެ މެޗުގައިވެސް ސަލާހް އަކަށް ނުކުޅެވޭނެއެވެ.
ސަލާހްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ އެ ޓީމު އެންމެ ފަހުން ގާނާއާ ދެކޮޅަށް ކުޅެ ދެ ލަނޑު ދެ ލަނޑުން އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައެވެ. މި މެޗު އެއްވަރު ވެފައިވުމުގެ ސަބަބުން އެފްކޮންގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ މިސްރުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަަރު ކުރަން ފަހު މެޗުގައި ޖެހޭނީ ކާބޯ ވާޑޭ ބަލިކުރާށެވެ.
މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ހާމަކުރިގޮތުގައި ސަލާހްއަށް ލިބުނު އަނިޔާ އާ ގުޅިގެން ހެދި ޓެސްޓް ތަކަށްފަހު އޭނާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެފައިވާ ކަމަށެވެ. އަދި އެހެން ކަމުން މިސްރުގެ ކެޕްޓަށް މި މުބާރާތުގައި ދެން ފެނުމުގެ ފުރުސަތު އޮތީ އެ ޓީމު ކްއާޓާ ފައިނަލަށް ދަތުރު ކޮށްފިނަމަ އެ މެޗުންނެވެ.
މި ވަގުތު ސަލާހް ނެތުން ވެގެން ދާނީ ދެވަނަ ބުރުން ޖާގަ ހޯދުމަށް މިސްރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ހީނަރު ކަމަކަށެވެ. މި ފަހަރުގެ މުބާރާތުގައި މިސްރަށް މުބާރާތް ފެށިފައިވަނީ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. މިގޮތުން މިހާތަނަށް ކުޅުނު ދެމެޗުން ވެސް ވަނީ އެއްވަރު ވެފައެވެ.
ސަލާހް ކްލަބް ފުޓްބޯޅަ ކުޅެމުންދާ އިންގްލިޝް ޕްރިމިއާ ލީގުގެ ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ހާމަކުރިގޮތުގައި ސަލާހްއަށް ލިބިފައިވާ އަނިޔާ ދިގުލައިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކްލޮޕް ހާމަކުރިގޮތުގައި ސަލާހްއަކީ ވަރަށް ފިޓް ކުޅުންތެރިއެއް ކަމަށާއި މިއީ އޭނާއަށް ވަރަށް މަދުން ނޫނީ ދިމާނުވާ މައްސަލައެއް ކަމުން އާންމުކޮށް މިފަދަ ކުޅުންތެރިންނަށް އެ އަނިޔާއިން ސަލާމަތްވުމަށް ނަގާދުވަސް އިތުރު ވާ ކަމަށެވެ.
މިސްރުން ވަނީ މިހާތަނަށް އެފްކޮން މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެ ޓީމަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 2010 ވަނަ އަހަރުއެވެ. އެއީ ސަލާހް ޤައުމީ ޓީމަށް ކުޅެން ފެށުމުގެ އެއް އަހަރު ކުރިއެވެ. މިސްރުން ވަނީ އެންމެ ފަހު މުބާރާތުގެ ފައިނަލްގައިވެސް އެއް ކޮޅުން ވާދަކޮށް ސެނެގާލް އަތުން ބަލިވެފައެވެ.