ހއ. އަތޮޅު ކައުންސިލާއި މިޑްލް ސްޕޯޓްސް ކުލަބް ގުޅިގެން ބާއްވާ ހއ. އަތޮޅު އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންްސަރަކަށް ދި ފައުންޑޭޝަން ހަމަޖައްސައިފިއެވެ.
މި މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.
މުބާރާތުގެ ކޯޑިނޭޓަރު ނަޝްވާން އިބްރާހިމް "ސަން"އަށް ވިދާޅުވީ، ސުޕޮންސަރުންގެ ޕްރޮޑަކްޓްތައް މުބާރާތް ކުރިއަށް ދާ ހޯލުގައި އިސްތިހާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ސްޕޮންސަރުންނަށް މުބާރާތުގެ ނަމުގެ ކުރިއަށް ލޯގޯލުމާއި ސުޕޮންސަރުންގެ ޕުރޮޑަކްޓްތައް މުބާރާތް ކުރިއަށް ދާ ހޯލުގައި އިސްތިހާރުކުރުމާއި މުޅި މުބާރާތް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ނަޝްވާން ވިދާޅުވިއެވެ.
މި މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގެ މަގުސަދަކީ އަތޮޅުގެ މީހުންގެ މެދުގައި ކީރިތި ގުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި ތަޖުވީދާއި ހަމަތަކުގެ މައްޗަށް ގުރުއާން ކިޔަވާ މީހުން އިތުރުކުރުން ކަމަށް ނަޝްވާން ވަނީ ވިދާޅުވެފައެވެ.
އަދި އަތޮޅުގެ މީހުންގެ މެދުގައި ކީރިތި ގުރުއާނަށް އޮތް ލޯބި އިތުރު ކުރުމާއި އަތޮޅުގެ ރަށްތަކުގައި ހާފިޒުން އުފެއްދުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ގުރުއާން މުބާރާތްތަކާ ޚިލާފަށް މި މުބާރާތުގައި ދިގުރާގާއި ގުރުއާން އިލްމާއި ދީނީ ސުވާލާއި ތަރުޖަމާ ކިޔުމުގެ ބައިތައް ހިމެނޭނެ ކަމަށް ނައުޝާން ވަނީ ވިދާޅުވެފައެވެ.
އަންނަ ރަމަޟާން މަހު ބާއްވާ އެ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ.
އެގޮތުން ފުރަތަމަ ބުރު މާޗު 14އާއި 15އިގައި ބޭއްވުމަށް ފަހު ދެވަނަ ބުރު ބާއްވާނީ 21އާއި 22ގައެވެ. އެ މުބާރާތުގެ ފިނާލޭ މާޗު 28ގައި ބާއްވާއިރު ގްރޭންޑް ފިނާލޭ އޮންނާނީ އޭގެ ޖެހިގެން އަންނަ ދުވަހުގައެވެ.
އެ މުބާރާތުގައި އަތޮޅުގެ 12 ރަށުން 46 މީހުން ބައިވެރިވިއިރު މުބާރާތުގެ އޮޑިޝަން މިހާރު ވަނީ ނިމިފައެވެ. އެ އޮޑިޝަނުން ހޮވާފައި ވަނީ 20 މީހެކެވެ.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދިއްދޫ، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައެވެ.
އެ މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނައަށްދާ މީހަކަށް ތިން އުމްރާ ދަތުރު ދޭން ވަނީ ނިންމައިފައެވެ. އަދި އެހެނިހެން ބައިވެރިންނަށް ވެސް އިނާމުތައް ދިނުމަށް ވަނީ ނިންމައިފައެވެ.
މީގެ އިތުރުން މުބާރާތަށް ހާޒިރުވާ އެންމެންގެ މެދުގައި ވެސް ގުރުއަތެއް ނަގައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.