އެސްއެސްޓީވީގެ ހައްޤުލް ޔަޤީން ޤުރުއާން މުބާރާތަށް ފަނޑިޔާރުން އައްޔަން ކޮށްފި

އެސްއެސްޓީވީގެ ހައްޤުލް ޔަޤީން ޤުރުއާން މުބާރާތަށް ފަނޑިޔާރުން ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

އަންނަ ރަމަޟާން މަހު ކުޑަކުދީންނަށް ޚާއްސަކޮށްގެން އެސްއެސް ޓީވީން ބާއްވާ "ޙައްޤުލްޔަޤީން" ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފަނޑިޔާރުންނާއިއެކު އެސްއެސްޓީވީން ސޮއި ކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ރަމަޟާން މަހު ބޭއްވި ކާމިޔާބު މުބާރާތަށް ފަހު މިއަހަރު ބާއްވާ މި ސިލްސިލާގެ ދެވަނަ މުބާރާތެވެ.

މި މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ:

  • އަލްޤާރީ ޢަބްދުﷲ ވަހީދު
  • އަލްޤާރިޔާ ޢާބިދާ ޙުސައިން
  • އަލްޤާރިޔާ އާމިނަތު ޒައިނާ

މި ފަނޑިޔާރުންނަކީ މިދިޔަ އަހަރުވެސް އެސްއެސްޓީވީގެ ޤުރުއާން މުބާރާތުގެ ފުރަތަމަ ސިލްސިލާގައިވެސް ފަނޑިޔާރުކަން ކުރެއްވި ތިން ފަނޑިޔާރުންނެވެ.

މި މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މި ޕްރޮގްރާމުގެ ޕްރޮޑިއުސަރު އަލީ ރަޝީދު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ ބޮޑަށް މި އަހަރު މި މުބާރާތަށް ތަރުހީބު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ވީޑިއޯތައް ފޮނުވުމުގައި ލަސްވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފެއެވެ.

އެސްއެސްޓީވީގެ ހައްޤުލް ޔަޤީން ޤުރުއާން މުބާރާތަށް ފަނޑިޔާރުން ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

"ހަމަ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދަނީ މި އަހަރުވެސް . ދެން މީގަ ހިތާމައަކީ ތިބޭފުޅުން ތަންކޮޅެއް ލަހީ އަޅުގަނޑުމެންނާ ހަމައަށް މި ވީޑިއޯތައް ފޯރުކޮށްދިނުމުގައި" އޭނާ ވިދާޅުވިއެވެ.

މި ރޯދަ މަހު އެސްއެސްޓީވީން ބާއްވަން ހަމަޖެހިފައިވާ މި ޤުރުއާން މުބާރާތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެސްއެސްޓީވީގެ ޕްރޮޑަކްޝަން މެނޭޖަރު އައިމިނަތު ހައިފާ ވަނީ މުބާރާތުގެ ބައިވެރިންގެ ވީޑިއޯތައް ފޮނުވާއިރު، ރަނގަޅު ކޮލިޓީގެ ވީޑިއޯ ފޮނުވަން ހުރިހާ ބައިވެރިންވެސް ސަމާލުކަން ދިނުމަށް އެދިފައެވެ.

އިތުރަށް އޭނާ ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވައިލައިފައި އޮތް ކަމަށެވެ.

އެސްއެސްޓީވީގެ ހައްޤުލް ޔަޤީން ޤުރުއާން މުބާރާތަށް ފަނޑިޔާރުން ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

"އަޅުގަނޑުމެން ހަމަ މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ދެވޭތޯ. އަދިވެސް އަޅުގަނޑުމެން ބޭނުންވޭ ހަމަ އެއްވެސް ގޮތެއް އޮވެއްޖެޔާ މިހާރުވެސް ހަމަ ބައިވެރިވެލަން ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތައް ދޭން." ހައިފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ބައިވެރިވާން ބޭނުންވާ ކުދިންނަށް އެސްއެމްއެސްކޮށް ވީޑިއޯ ފޮނުވަމުން ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ މި މުބާރާތުގައި ފާއިތުވި އަހަރުތަކެކޭ އެއްގޮތަށް ރަނގަޅު އިނާމުތަކެއްވެސް ލިބޭނެ ކަމަށެވެ.

އެގޮތުން، މުބާރާތުގެ އިނާމުތަކަކީ އެއްވަނަ އިނާމް 15،000 ރުފިޔާ، ދެވަނައަށް 8،000 ރުފިޔާ އަދި ތިންވަނަ އިނާމަކަށް 5،000 ރުފިޔާއެވެ. މީގެ އިތުރުން، މުބާރާތުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކު މުބާރާތުގައި ބައިވެރިވެ ކިޔެވި ކަމުގެ ހަނދާނީ ލިޔުމެއް ލިބޭނެއެވެ.

މި މުބާރާތް ކުރިއަށްގެންދަނީ ހަތަރު ޢުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ،

  • 13 އަހަރުން ދަށް
  • 11 އަހަރުން ދަށް
  • 9 އަހަރުން ދަށް
  • 7 އަހަރުން ދަށް

މުބާރާތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނެ ގޮތަކީ
HY (space) NAME, AGE, ISLAND (send to) 2747

ދުނިޔޭގެ ކޮންމެ ޤައުމެއްގައި ދިރިއުޅޭ ދިވެހި ކުއްޖަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. ކިޔަވަން ކޮންމެހެން އެސްއެސްޓީވީއަށް އަންނާކަށް ނުޖެހޭނެއެވެ. އެ ކުއްޖަކު ހުރި ތަނަކުން މުބާރާތުގައި ބައިވެރިވެ ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

އެސްއެސްޓީވީގެ ހައްޤުލް ޔަޤީން ޤުރުއާން މުބާރާތަށް ފަނޑިޔާރުން ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

މުބާރާތުގެ ބައިވެރިންގެ ކިޔެވުންތައް އެސްއެސްޓީވީއަށް ފޮނުވާނީ ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބާ މެދުވެރިކޮށެވެ. ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުން ރިކޯޑްކޮށް އެސްއެސް ޓީވީއަށް ފޮނުވާ ވީޑިއޯ ކުލިޕުތައް ހުންނަންވާނީ އެކަށޭނަ ރަނގަޅު ކޮލިޓީއެއްގައި ރިކޯޑްކޮށްފައިވާ ވީޑިއޯ ކްލިޕްތަކެއްގެ ގޮތުގައެވެ.

ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް ކިޔަވަން ފަސޭހަ ތަނަކުން ކީރިތި ޤުރުއާނުގެ ހަ ފޮޅުވަތަށްވުރެ ކުރުނޫން މިންވަރަށް ކިޔަވާފައި ފޮނުވުމުން މުބާރާތުގައި އެ ކިޔެވުމެއް ބައިވެރި ކުރެވޭނެއެވެ.

ވީޑިއޯ ފޮނުވަން ޖެހޭ ގޮތުގެ އިތުރު މަޢުލޫމާތު ދިނުމަށް މުބާރާތުގައި ބައިވެރިވުމަށް އެދި އެސްއެމްއެސް ކުރާ ހުރިހާ ކުދިންނަށް އެސްއެސްޓީވީގެ ފަރާތުން ގުޅައި މަޢުލޫމާތު ހިއްސާކުރާނެއެވެ.

ރެކޯޑްކުރާ ވީޑިއޯ ފޮނުވާނީ ވައިބަރ ނުވަތަ ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށެވެ. މިގޮތަށް ފޮނުވާ ވީޑިއޯ ކްލިޕާއެކު ބައިވެރިވާ ކުއްޖާގެ ފުރިހަމަ ނަމާއި އެޑްރެސ،ް ރަށ،ް ޢުމުރު އަދި އައިޑީކާޑުގެ ކޮޕީ އެއް ފޮނުވަން ޖެހޭނެއެވެ.

ވީޑިއޯ ކްލިޕް ރިކޯޑު ކުރުމަށްފަހު ފޮނުވާނީ 7300111 ނަމްބަރަށެވެ.

comment ކޮމެންޓް