ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯންތައް ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމަށް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެއެވެ.
އަންހެން ވިޔަފާރިވެރިންނަށް ހުޅުމާލޭގައި 'ހިޔަލަ ވީކެންޑް މާރުކޭޓް'ގެ ނަމުގައި ޚާއްސަ ތަނެއް ހުޅުވުމަށް މިރޭ އޮތް ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ،
"މި ގޮތުން އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ. ހަަމައެއާއެކު ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ލޯނެއް ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މާރުކޭޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މާރުކޭޓްގެ ސަބަބުން އެންމެ ބޮޑު ފައިދާއެއްވާނީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް ކަމަށެވެ.
އެގޮތުން މިއީ ދިވެހި އަންހެނުން ގޭގައި ތިބެ ތައްޔާރުކުރާ ތަކެތި ވިއްކުމަށް ޓަކައި ތައްޔާރުކޮށްފައިވާ ޚާއްސަ ސަރަހައްދެއްކަމުން، މި ތަންތަނުން ޖާގަ ދޫކުރަނީ ކުޑަ ކުއްޔަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި މާރުކޭޓުގެ ސަބަބުން ތަނަވަސްވެގެން މި ދިޔައީ، ދިވެހި އަންހެނުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރު މަގެއް. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ވީކެންޑު މާކެޓުތައް ހުރޭ. އަދި އެ ތަންތަނުން ގިނަ އާންމުން ވިޔަފާރިކުރޭ. އާންމުންގެ އިތުރު މި ތަންތަނަކީ ފަތުރުވެރިންގެ ތެރޭގައި ވެސް މަގުބޫލު ތަންތަނަށްވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ އަންހެނަކީ ވެސް ފުދުންތެރި އަންހެނަކަށްވުން މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ވެސް އަންހެނުން ބާރުވެރިކުރުވުންކަމަށެވެ.
އެއީ އަންހެނުން ފުދުންތެރިކުރުވަންޖެހޭކަން ސަރުކާރުން ގަބޫލުކުރާ ސަބަބުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުވަނީ މިރޭ ފަހިވި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހުރިހާ އަންހެނުންނަށް ވެސް ގޮވައިލައްވައިފައެވެ.