ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު ވޭތުވެދިޔަ ދެ އަހަރުތެރޭ 19 ޕަސަންޓަށް ދަށްވެފައި ވާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު މަދުވެފައި ވާއިރު، އަލަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު ވެސް މަދުވާކަން ފާހަގަ ކުރެވޭކަމަށެވެ.
"އެހެންވީމަ 2022އާ އާޅާބަލާއިރު މިއަހަރު، 2024ގަ ގާތްގަނޑަކަށް 19 އިންސައްތަ ދަށް އަޅުގަނޑުމެންގެ ސެންޓަރުތަކުގަ ތިބި ކުދީން. އަދި އާކުދިން ނެގުން ވެސް ގާތަގަނޑަކަށް 23 އިންސައްތަ ދަށްވެފައިވޭ." އައިޝަތު ޝިހާމް ވިދާޅުވިއެވެ.
އަތޮޅުތަކުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިން ބަލެހެއްޓުމާއި މިފަދަ ކަންކަމުގައި މިނިސްޓްރީން އިދާރާތަކާ ގާތުން މަސައްކަތްކުރުމަށް ސްޓޭޓް ކެއާގެ ނަމުގައި ވަކި ޑިޕާޓްމެންޓެއް ހަދާފައި ވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބެލެހެއްޓުމުގައި އެންމެންގެ އެހީ ބޭނުންވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، "ކޮންމެ ކުއްޖަކަށް އާއިލާއެއް"ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓާ ކުރުމުގެ ޕްރޮގްރާމަށް ލިބޭ ތާއިދު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 67 ކުއްޖަކު ފޯސްޓާކޮށްފައި ވާއިރު، އިތުރު 35 ފަރާތަކުން އެދިގެން ކުދިން އެ އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"މީ އަޅުގަނޑުމެން ވަރަށް އުފަލާ އެކުގައި ފާހަގަކުރާ ކަމެއް މި މަސައްކަތުގައި ވަރަށް ހިތްވަރު ލިބޭ ކަމެއް. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ އުންމީދަކީ މަސައްކަތް ކޮށްގެން މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 139 ކުދިން އިރާދަކުރެއްވިއްޔާ އާއިލާތަކާ ހަވާލުކުރެވުން،" އޭނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިނިސްޓްރީން ކުރާ އެންމެ މުހިންމު މަސައްކަތަކީ ގެއްލުމެއް ލިބިދާނެ ނުވަތަ އަނިޔާއެއް ލިބިދާނެ ކުދިން ނުވަތަ މީހުން ދުރާލައި ދެނެގަތުން ކަމަށެވެ. އެފަދަ އާއިލާއެއް ފާހަގަވެއްޖެ ނަމަ އަނިޔާއިން މީހުން ސަލާމަތް ކުރެވޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.