ނަވާރަސަތޭކަ ހަތްދިހަ ހަވަނަ އަހަރު ގާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48ވަނަ އަހަރީ ދުވަސް މިރޭ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޙަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ ވާހަކަފުޅުގައި ވަނީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކުރުމުގެ ގޮތުން، މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަން ފާހަގަކުރައްވާފައެވެ.
އަދި އެހީ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދީ، ތަމްރީނާއި ތެރަޕީގެ އެހީތެރިކަމާއެކު މުޖުތަމަޢުގެ އެހެން ފަރުދުންނާއި އެއް ހަމައެއްގައި އުޅެ، ދިރިއުޅުމުގެ ޒިންމާތައް އުފުލައި މުޖުތަމަޢުގައި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް އެ މަރުކަޒުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކޮށް، އިޖުތިމާޢީ ގުޅުންތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް އެ މަރުކަޒުގައި ކުރިއަށް ގެންދެއެވެ.
މިގޮތުން، 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މަޒުކަޒުގެ މުވައްޒަފުންގެ މެދުގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ވަނީ ބާއްވައިފައެވެ. އަދި، ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ފައިގަތަޅާ މުބާރާތެއް ވެސް ވަނީ ކުރިއަށްގެންދެވިފައެވެ.
މިރޭ ބޭއްވުނު ޙަފްލާގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމުގެ ހަތަރު ތަމްރީނު ޕްރޮގްރާމެއް ވަޒީރު ޢާއިޝަތު ޝިހާމް ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ.
މީގެތެރޭގައި، ކުރެހުމުގެ ކޯހަކާއި ސްކްރީން ޕްރިންޓިން ކޯހަކާއި، ފަހާ ކޯހެއް އަދި ކައްކާ ކޯހެއް ހިމެނެއެވެ.
ދާދި ފަހުން އެ މަރުކަޒުގައި ޢާއިލާތަކަށް ހަވާލުކުރުމަށް ތައްޔާރުވެފައި ތިބި، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޕޮލިޓެކްނިކްއާއި ގުޅިގެން ކުރިއަށް ގެންދެވުނު ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުންވެސް މިރޭގެ ޙަފްލާގައި ވަނީ ކުރިއަށްގެން ގޮސްފައެވެ.
މި ޙަފްލާގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މި މަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކުގެ އަގު ވަޒަން ކުރައްވާ އެފަރާތްތަކަށް ޝުކުރުދެންނެވިއެވެ.
މި ޚާއްސަ ޙަފްލާގައި މަރުކަޒަށް 20 އަހަރު ޚިދުމަތް ކުރައްވާފައިވާ 18 ފަރާތަކަށް ހަނދާނީ ޝީލްޑްވެސް ވަނީ ހަވާލުކުރެވިފައެވެ.