މޫސުމީ ބަދަލާ ދެކޮޅަށް ކުރާ މަސައްކަތުގައި ތަރައްގީވަމުން އަންނަ ގައުމުތައް އިސްނަގަންޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ނޭމްގެ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުން އިސްނަގައި، ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ފާގަތި މުސްތަގްބަލަކަށް މަސައްކަތްކުރަންޖެހޭކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔުގަންޑާގެ ކަމްޕާލާގައި ބޭއްވި ނޮން އެލައިންޑް މޫވްމަންޓް (ނާމް)ގެ 19ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގްރީރުކުރައްވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ޖިއޮލޮޖިކަލް ބޯޑަރުތަކަށް ނިސްބަތްވާ ބަދަލުތަކެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެންމެ ބޮޑަށް އޭގެ ނޭދެވޭ އަސަރުކުރަނީ ވަސީލަތްތައް މަދުވުމުން ކަމަށެވެ.

ހަމައެއާއެކު، ނާމްއާ ދެކޮޅަށް އުފެދިފައިވާ ނުރައްކާތަކާ ދެކޮޅަށް ނުކުތުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް ނޭމްގެ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ރާއްޖެއަކީ އަބަދު ވެސް ބައިނަލްއަގްވާމީ އެއްބާރުލުން ގަބޫލުކުރާ ގައުމެއް ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑު ބާރަކީ ތަފާތު ކަންކަމުގައި ދައްކަމުންދާ އެއްބާރުލުންކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މީހުން އުޅެމުންދާ ދަތި ހާލަތަށް ވެސް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ، އިސްރާއިލުން ދެމުންދާ ހަމަލާތަކުގައި އެތައް ހާސް މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަަށެވެ.

ފަލަސްތީނުގެ މައުސޫމް އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ގަސްތުގައި ހިންގާ އުދުވާނީ އަމަލުތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ހަމަލާތަކަކީ ނަސްލު ނައްތާލުމުގެގޮތުން، އދ.ގެ މުއާހަދާއާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފަށް ކުރާކަމެއް ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓައިލައި ފަލަސްތީނުގެ ސުލްހައަށް ދާއިމީ ހައްލެއް ހޯދުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

ނައިބު ރައީސް ނޭމްގެ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

ނާމްގެ ސަމިޓުގެ އިތުރުން "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77)ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނާމްގެ ސަމިޓުގައި ބައިވެރިވެލެއްވުމަށް މިހާރު ވެސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހުންނެވީ ޔުގަންޑާގައެވެ.

މިނިސްޓަރު މިހާރު ތަގުރީރު ކުރައްވައިފައިވާއިރު، ދެއްކެވި ވާހަކަފުޅުގައިވަނީ ނާމްއަކީ ބައިނަލްއަގްވާމީ ގޮތުން މިހާރަށްވުރެ ބާރުވެރި ޖަމިއްޔާއަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޖުމްލަ 120 މެންބަރު ގައުމު ހިމެނޭ ނާމްގެ މެންބަރު ގައުމަކަށް 1976 ވަނަ އަހަރު ރާއްޖެވީ ފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ގައުމެކެވެ.

comment ކޮމެންޓް