ސިނާއީ ނޫން ރަށްރަށުން ކަނޑާ ގަހަކަށް ދެ ގަސް އިންދަންޖެހޭ ގަވާއިދެއް

ކޭލަކުނުގެ ބިޔަ ބޯ ޖަންގަލި --- ފޮޓޯ: ޓުވިޓާ

ސިނާއީ ނޫން ބޭނުންތަކަށް ދޫކުރާ ރަށްތަކުން ރުއްގަސް ކަނޑާނަމަ އޭގެ ބަދަލަށް އެ ރަށެއްގައި ދެ ގަސް ނުވަތަ ރުއް އިންދަން މަޖުބޫރުކުރާ ގަވާއިދެއް ސަރުކާރުން އެކުލަވައިލާ އިއްޔެ ގެޒެޓުކޮށްފިއެވެ.

"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިޞާދީ ބޭނުންތައް ފިޔަވާ އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގެ ނަމުގައި އެކުލަވާލައިފައިވާ މި ގަވާއިދުގައި ވަނީ، މި ގަވާއިދުގެ ދަށުން ދޫކުރާ ރަށަކުން ރުއްގަސް ކަނޑަށް ވާނީ ނުވަތަ ނަގަންވާނީ ތިމާވެށި ހިމާޔަތްކުރުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައި ކަމަށެވެ.

އަދި، އެ ގަސް ރަށުން ބޭރަށް ވެސް ގެންދެވޭނީ މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުން ކަމަށް އެ ގަވާއިދުގައި ވެއެވެ. ނަމަވެސް، އެ ރަށެއްގައި ހުންނަ އުމުރުން ދުވަސްވީ ގަސްގަހާއި ރާާއްޖެއިން އާންމުކޮށް ނުފެންނަ އާދަޔާ ޚިލާފު ގަސްގަހާގެހި ކެނޑުން މަނާވާނެއެވެ.

ގަސް ނެގުމަށް ފަހު ބަދަލުގައި ގަސް އިންދާނޭ ޖާގަ ރަށުގައި ނެތް ހާލަތެއްގައި އެކަން މިނިސްޓްރީއަށް އެންގުމުން ގަސްއިންދުމުން އެ މީހަކު އިސްތިސްނާ ކުރުމުގެ ހައްގު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

މި ގަވާއިދުގެ ދަށުން ފަޅުރަށްތައް ދޫކުރެވޭނީ ތިން ގޮތަކަށެވެ. އެއީ، ބީލަން އުސޫލުން އިއުލާނުކޮށްގެންނާއި އާންމު ފަރާތަކުން އެ ރަށުގައި ކުރަން ބޭނުންވާ ކަމަކާ ގުޅޭ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމުން، ނުވަތަ އެފަދަ ރިޕޯޓެއް ކައުންސިލަކުން ހުށަހެޅުމުންނެވެ.

މިފަދައިން ދޫކުރާ ރަށްރަށުގައި އިމާރާތްކުރެވެނީ ބިމުގެ ޖާގައިގެ 10 ޕަސެންޓުގައެވެ.

މި ގަވާއިދާ ޚިލާފުވެއްޖެ ނަމަ އެއް މިލިއަން ރުފިޔާއިން އެ މީހަކު ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވާ ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް