ޕީއެސްޖީން ގޮންކާލޯ ރާމޯސް ވިއްކާލުމަށް މަސައްކަތްކުރަނީ

ޕީއެސްޖީގެ ޕޯޗުގަލް ފޯވަޑް ގޮންކާލޯ ރާމޯސް -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ން ޕޯޗުގަލް ފޯވަޑް ގޮންކާލޯ ރާމޯސް ވިއްކާލުމަށް މަސައްކަތްކުރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕީއެސްޖީން ރާމޯސް ވިއްކާލުމަށް މަސައްކަތްކުރަމުންދަނީ ރާމޯސްގެ ފަރާތުން ބޭނުންވާ އެންމެ ރަނގަޅު ކުޅުން އޭނާއަށް ނުދެއްކޭތީއެވެ.

މި ސީޒަނުގައި ޕީއެސްޖީން 80 މިލިއަން ޔޫރޯގެ އަގަކަށް ރާމޯސްގެ ސޮއި ހޯދާފައިވަނީ އެ ކްލަބުގެ ފުޓްބޯލް އެޑްވައިޒަރު ލުއިސް ކެމްޕޯސް ބޭނުންވެގެން ނަމަވެސް، އޭނާ ގެނައުމަށް ކޯޗު ލުއިސް އެންރީކޭ ބޭނުންވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން އެންރީކޭގެ ޓީމުން ރާމޯސްއަށް ގިނަ ފުރުސަތުތަކެއް ވެސް ލިބިފައެއް ނުވެއެވެ.

ރާމޯސްއަށް ޓީމުން ގިނަ ފުރުސަތުތަކެއް ނުދިން ނަމަވެސް، މީގެ ކުރިން އޭނާއަށް އެންރީކޭ ވަނީ ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އެންރީކޭ ބުނެފައިވާ ގޮތުގައި، ތަފާސްހިސާބުތައް ގޯސްވިޔަސް، ރާމޯސްއަކީ މޮޅު ކުޅުންތެރިއެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލޯނުގެ ދަށުން ރާމޯސް ހޯދުމަށް އާސެނަލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ބޮޑު އަގެއްގައި އޭނާ ގެންދިއުމަށް ކްލަބުތަކުން މަސައްކަތްކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް