ކްރިތީއާއި ޝާހިދު ކަޕޫރުގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ޝާހިދު ކަޕޫރު އަދި ކްރިތީ ސެނޮން ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނުން ފެންނަ މި ފިލްމަކީ، ސައިންޓިފިކް ލޯބީގެ ފިލްމެކެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭ މި ފިލްމުގައި ޝާހިދު ކަޕޫރު ކުޅެފައި ވަނީ ސައިންޓިސްޓެއްގެ ރޯލެވެ. ކުރީގެ ފިލްމީ ތަރިން ކަމަށްވާ ދަރުމެންދްރަ އަދި ޑިމްޕަލް ކަޕާޑިއާ މުހިއްމު ރޯލުތަކުން ފެންނަ މި ފިލްމަކީ ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ މެޑްޑޮކް ފިލްމްސްއާ ޓީ-ސީރީސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި ވާހަކަ ދައްކަމުން ޕްރޮޑިއުސަރު ދިނޭޝް ވީޖަން ބުނީ، މެޑްޑޮކް ފިލްމްސްއިން އަބަދު ވެސް މަސައްކަތް ކުރަނީ ވަރަށް ތަފާތު އެހެންމެ ޔުނީކް ވާހަކަތައް ސިނަމާއަށް ގެނެސްދިނުމަށް ކަމަށެވެ. މީގެ ކުރިން މެޑްޑޮކްއިން އުފައްދާފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭ "ހިންދީ މީޑިއަމް"، "ސްތްރީ" އަދި "ލުއްކާ ޗުއްޕީ" ފަދަ ފިލްމުތައް ހިމެނެއެވެ.

ޝާހިދު ކަޕޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއާ އެކު-- ފޮޓޯ/އިންޓަނެޓް
ފިލްމު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ"އަކީ މިހާތަނަށް ސިނަމާއަށް އެއްވެސް ފަރާތަކުން ގެނެސްދެވިފައިނުވާ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ތަފާތު ލޯބީގެ ވާހަކައެއް ކަމަށް ދިނޭޝް ވަނީ ބުނެފައެވެ. މި ފިލްމަކީ އާއިލާގެ މެންބަރުންނާ އެކު ބަލާލެވޭނެ ފިލްމެއް ކަމަށާއި ފިލްމުގައި ބެލުންތެރިން ހެއްވާލާނެ ގިނަ ހާދިސާތައް ހިމެނޭ ކަމަށް މެޑްޑޮކް ފިލްމްސްއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ޖިއޯ ސިނަމާއިން ގެނެސްދިން ފިލްމު "ބްލަޑީ ޑެޑީ"ގެ އެކްޓަރު އަންނަނީ "ދޭވާ"ގެ ނަމުގައި އުފައްދާ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. ފިލްމު "މިމީ"އިން ޤައުމީ އެވޯޑް ހާސިލުކުރި ބަތަލާ ކްރިތީ ސެނޮން މި އަހަރު އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނައިރު އޭގެތެރޭގައި ކްރިތީގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނީގެ ފިލްމެއް ވެސް ހިމެނެއެވެ. އެއީ ބަތަލާ ކާޖޮލް މުހިއްމު ރޯލްއިން ފެންނަ ފިލްމު "ދޯ ޕައްތީ"އެވެ.

comment ކޮމެންޓް