މަޖިލިސް އިންތިޚާބު ރޯދަމަހު ބާއްވާތީ ޕީއެންއެފުން ވެސް ކަންބޮޑުވުން ފާޅުކޮށްފި

ރައީސް ޔާމީން، ޕީއެންއެފް އޮފީހުގައި -- ފޮޓޯ/ އެކްސް

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރަމަޟާން މަސް ތެރޭ ބާއްވާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް)އިން ވެސް މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމާފައިވަނީ މަޖިލިސް އިންތިޚާބު އަންނަ މާރިޗު 17ގައި ބޭއްވުމަށެވެ. އެއީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާއެވެ.

މި ކަމާ ގުޅިގެން ޕީއެންއެފްގެ ފަރާތުން "ސަން"އާ ވާހަކަ ދައްކަވަމުން ކުރީީގެ ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެއް ކަމަށެވެ.

އަދި ރޯދަމަހު އިންތިޚާބު ބާއްވާތީ އުނދަގޫ ވާނީ ހަމައެކަނި ވޯޓުލާންދާ މީހުންނަށް ނޫންކަމަށާއި ވޯޓުލާ މަރުކަޒުގައި މަަސައްކަތް ކުރާ އޮފިޝަލުންނަށް ވެސް ދަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، ރޯދަ މަސްތެރޭ އިންތިޚާބު ބާއްވާނަމަ ވޯޓުލާ މީހުންގެ އަދަދު މަދުވެދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރޯދައަށްހުރެ ވޯޓު ލާން ދިއުމަކީ އުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ބުރައަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓު ގުނާ ވަގުތާއި ރޯދަ ވީއްލާ ވަގުތު ދިމާވުމަކީ ވެސް ޕީއެންއެފްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރޯދަ މަހު ގިނަ ބަޔަކު ދެ ނަމާދު ދޭތެރޭ، ގުރުއާން ކިޔަވާ އަޅުކަމުގައި ހޭދަކުރަން ބޭނުންވާނެ ކަމަށެވެ. އަދި އިޝާ ނަމާދުގެ ފަހުން ތަރާވީހުގައި ވެސް ގިނަ ބަޔަކު ބައިވެރިވާނެކަމަށާއި އެހެންކަމުން ވޯޓު ގުނާއިރު، ގޯހެއް ހެދުން އެކަށީގެންވާކަމަށް މަލީހު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ރޯދަމަހު ބާއްވާތީ އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އީސީން މި ނިންމުން ނިންމައިފައި ވަނީ، ރޯދަ މަހަށްފަހު އިންތިޚާބު ބޭއްވުމަށް އެމްޑީޕީން އީސީގައި އެދިފައި ވަނިކޮށް ކަމަށް ވެސް ބުންޏެވެ.

އަދި އެ ކަމުގައި ސަރުކާރުގެ ތުހުމަތު އޮތްކަމަށް ވެސް ތުހުމަތުކުރިއެވެ.

comment ކޮމެންޓް