ހުވަދޫ ސުކޫލުގަ ކުއްޖަކަށް ހަނގާކުރިކަމުގެ ސީރިއަސް މައްސަލައެއް

ހުވަދޫ ސްކޫލުގައި ކުއްޖަކަށް އަނިޔާކޮށް ބުލީކުރުން -- ފޮޓޯ/ ސޯޝަލް މީޑިއާ

ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސުކޫލުގެ ގްރޭޑް ފަހެއްގައި ކިޔަވަމުން އަންނަ ދަރިވަރަކަށް ހަނގާކުރިކަމުގެ ސީރިއަސް މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓެއްގައި އެ ކުއްޖާގެ އާއިލާ މީހަކުވަނީ، ކުއްޖާއަށް ދިމާވަމުން އައި ކަންކަން ހިއްސާކޮށްފައެވެ.

އެއާއެކު "ސަން"އަށް މައުލޫމާތު ދެމުން ކުއްޖާގެ އާއިލާ މީހަކު ކިޔައިދިނީ އެ ކުއްޖާ ހަނގާކުރުމުގެ އެކި ކަންކަމާ ސްކޫލު ތެރެއިން ކުރިމަތިލަމުން އަންނަތާ އަށްމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަނިޔާކުރަމުން ގޮސް، މިދިޔަ ހޯމަ ދުވަހު އެ ކުއްޖާގެ ގައިގައި ގޮނޑިންނާއި، މޭޒުން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށް، ކަރާ ދިމާއިން ކަށިގަނޑެއް ބިނދިފައިވާކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ކިޔައިދިނެވެ. އަދި މައިބަދައަށް ވެސް އަނިޔާ ލިބިފައިވާކަމަށް ބުންޏެވެ.

އަދި އެ ކަމުގެ މައްސަލަ ތަކުރާރުކޮށް ސްކޫލަށް ހުށަހަޅައިގެން ވެސް އެއްވެސް ހައްލެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްކޫލުން ބުނަނީ ކުދިންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެކަމަށް. ޕޭރެންޓުންނާ ވަހަކަދައްކާ ކަމަށް. ހައްލެއް ނުލިބި ގޮސްތާ މިހާ ހިސާބަށް މި އައީ،" އާއިލާއިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

އޭނާ ބުނީ، އެ ކުއްޖާގެ އިތުރު މެޑިކަލް އެސެސްމަންޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

މިކަމާ ގުޅިގެން ހުވަދޫ ސުކޫލު ޕްރިންސިޕަލް ޑރ. ޝައިސްތާއަލީ އަށް "ސަން"އިން ގުޅުމުން، ވިދާޅުވީ އެ ކަމުގައި ވަކި ޖަވާބެއް މި ވަގުތު ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މި ވަގުތު ތިކަމުގައި ނޯ ކޮމަންޓް އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން "ސަން"އަށް ބުނީ އެ ފަދަ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅައިފައިވޭތޯ މިހާރު ބަލަމުން އަންނަކަމަށެވެ.

ސްކޫލުތަކުގައި ހަނގާކުރުމުގެ ސީރިއަސް މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން ހުޅުމާލޭގެ ސްކޫލެއްގައި ވެސް މި ފަހުންވަނީ އެ ފަދަ ކަމެއް ހިނގައިގެން މައްސަަލައެއް ފާހަގަވެފައެެވެ.

comment ކޮމެންޓް