ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް، ގައުމީ ޤުރުއާން މުބާރާތް ފަސްކޮށްފި

ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިއަކު ކިޔަވަނީ.- ފޮޓޯ/ސަން ފޮޓޯ

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހެފައިވާ ގައުމީ ގުރުއާން މުބާރާތް ފަސްކޮށްފައިވާކަަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ، މުބާރާތް ފަސްކުރަން ނިންމީ، ގިނަ ދަރިވަރުންނަށް ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް އޮތް ނަމަވެސް މިހާރު އެ މުއްދަތު ވަނީ މި މަހުގެ 22ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިކަމަށް މަރުކަޒުން ވަނީ މައުލޫމާތުދީފައެވެ.

މުބާރާތް ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް އެ އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ގިނަ ބަޔަކަށް ހުޅުވައިލައިފައެވެ. އެ ގޮތުން ޙާފިޘުންނަށާއި، ސުކޫލުތަކުގެ ދަރިވަރުންނަށާއި، ޔުނިވާސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓް ނުވަތަ މަރުކަޒުތަކާއި، ގުރުއާން ކުލާސް ތަކަށް ފުރުސަތު ވަނީ ދީފައެވެ.

އަދި ގުރުއާނުގެ ދާއިރާ ނުވަތަ ދީނީ ގޮތުން ހޭލުންތެރި ކުރުވުން އެ ފަރާތެއްގެ މަގުސަދުގައި ހިމެނޭ އެންމެހާ ކުލަބު ޖަމިއްޔާއަކަށް ވެސް ބައިވެރިވެވޭނެހެން ފުރުސަތު ވަނީ ހުލުވައިލައިފައެވެ.

މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހީންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި ގުރުއާން ހިތުދަސްކުރުމަށް ބާރުއެޅުން ކަމަށް އެ މަރުކަޒުން ބުނެއެވެ.

comment ކޮމެންޓް