އިންޑިއާ އާއި އަފްޣާނިސްތާންގެ މެދުގައި ކުޅެމުންދާ ބައިނަލްއަޤްވާމީ ޓީ ޓުވެންޓީ ކްރިކެޓް ސީރީޒްގެ ފަހު މެޗު އިންޑިއާއިން ކާމިޔާބު ކޮށްފިއެވެ.
ބެންގަލޯގެ އެމް ޗިންނަސުވާމީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އިންޑިއާއިން ކާމިޔާބު ކޮށްފައިވަނީ 20 އޯވަރު ހަމަވިއިރު ދެޓީމް އެއްވަރުވުމުން ސުޕާ އޯވަރުގެ ދެ އޯވަރު ކުޅެ 10 ލަނޑުންނެވެ.
މިމެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. ނަމަވެސް މިމެޗުގެ ފެށުން ދިޔައީ އިންޑިއާއިން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. މިގޮތުން ފުރަތަމަ ހަތަރު ވިކެޓް ގެއްލުނުއިރު އިންޑިއާ ޓީމަށް ހެދުނީ 22 ލަނޑެވެ. ނަމަވެސް އިންޑިއާއިން ވަނީ އެޓީމްގެ ކެޕްޓަން ރޯހިތު ޝަރްމާގެ މޮޅު ކުޅުމާއެކު 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 212 ލަނޑު ހަދައިދީފައެވެ.
އެ މެޗުގައި ރޯހިތުވަނީ ނުބައިނުވެ 121 ލަނޑު 20 އޯވަރުގެ ތެރޭގައި ހަދައިފައެވެ. މީގެއިތުރުން ރިންކޫ ސިންވަނީ 69 ލަނޑު ހަދައިފައެވެ. މިއީނިންގްސްގައި އަފްޣާނިސްތާން ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަތަރު އޯވަރު 20 ލަނޑަށް ތިން ވިކެޓް ނަގައިދިން ފަރީދު އަހްމަދު އެވެ.
ޖަވާބުގައި ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން އަފްޣާނިސްތާނަށްވެސް ހެދުނީ 212 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 55 ލަނޑު ހަދައިދިން ގުލްބަދީން ނައިބްއެވެ. އަދި ރަހްމަތުﷲ ގުރްބާޒް އާއި ކެޕްޓަން އިބްރާހީމް ޒަދްރާންއިން ކުރެ ކޮންމެ ކުޅުންތެރިއެއްވަނީ 50 ލަނޑު ހަދައިދީފައެވެ.
މިއީނިންގްސްގައި އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 3 އޯވަރު 18 ލަނޑަށް ތިން ވިކެޓް ނަގައިދިން ވޮޝިންޓަން ސުންދަރުއެވެ. ދެޓީމްގެ ނަތީޖާ އެއްވަރު ވުމާއެކު ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފުރަތަމަ ސުޕާ އޯވަރުގައި ދެޓީމަށްވެސް އެއް ކުޅުންތެރިއެއް ނުބައިވެގެން ހެދުނީ 16 ލަނޑެވެ. އެހެންކަމުން ކުޅުނު ދެވަނަ ސުޕާ އޯވަރުގައި އިންޑިއާއިން ދެ ކުޅުންތެރިން ނުބައިވެގެން 11 ލަނޑު ހެދިއިރު އަފްޣާނިސްތާނަށް ހެދުނީ ދެކުޅުންތެރިން ނުބައިވެގެން އެންމެ ލަނޑެކެވެ.
މިނަތީޖާ އާއެކު އިންޑިއާއިން ވަނީ މި ދެ ޓީމްގެ މެދުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ.