ރިޔާސީ ބަޔާން އިއްވަވާ ދުވަސް ބަންދުނުކުރާން ނިންމަވައިފި

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ދުވަސް، އަންނަ މަހުގެ ފަސްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް އެ މަނިކުފާނު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ނިންމަވައިފައެވެ.

އެ ދުވަހު، ދައުރު ފަށާއިރު ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައީސް ރިޔާސީ ބަޔާން އިއްވަވާނެއެވެ. ކުރިން އޮންނަ ގޮތުން ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

އެކަމަކު، ރައީސް އޮފީހުން މިއަދު ބުނީ، ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މި ސަރުކާރަށް ދެ މަސް ވެފައިވާއިރު، ވަޒީރުންގެ މަޖިލީހަށް ވެސް މިހާތަނަށް ރުހުން ދީފައެއް ނުވެއެވެ.

އެ މިނިސްޓަރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީން ނިންމީ، މަޖިލީސް ޗުއްޓީއަށް ގޮސްފައި އޮއްވައި މިދިޔަ މަހު 30ގައެވެ. އެއަށް ފަހު މަޖިލީހުން ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ސޮއި ހަމަ ކުރަން ފެށި ނަމަވެސް އެ ޖަލްސާ ބޭއްވޭނެ ތާރީޚެއް މިހާތަނަށް އިއުލާންކޮށްފައިނުވެއެވެ.

comment ކޮމެންޓް