ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފިއެވެ.
އާބަންކޯއިން ބުނީ މި ވަގުތީ މިސްކިތުގައި ޖުމުލަ 150 މީހުންގެ ޖާގަ ހިމެނޭ ކަމަށެވެ.
މި މިސްކިތް މަރާމާތު ކުރަނީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށެވެ.
އެ ކުންފުނީގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމުން ކަމަށް ވެސް ބުންޏެވެ.
ރޯދަ މަހާ ދިމާކޮށް ހުޅުމާލޭގައި އަބަދު ވެސް ވަގުތީ މިސްކިތްތައް ބިނާ ކުރެއެވެ. އޭގެ އެއް ސަބަބަކީ އެ މަހުގައި މިސްކިތަށް ދާ މީހުންގެ އަދަދު އިތުރުވުމެވެ. މީގެ އިތުރުން ހުޅުމާލެއަށް ގިނަ ބަޔަކު ދިރިއުޅުން ބަދަލުކުރަމުން އައުމާއެކު ވެސް މިސްކިތް ބޭނުންކޔރާ މީހުންގެ އަދަދު އިތުރުވެއެވެ.
ވަގުތީ މިސްކިތްތައް އެޅި ނަމަވެސް ފަހުން ވެސް މި ތަންތަން ބޭނުން ކުރެއެވެ.
މިހާރު ވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވަގުތީ އެއް މިސްކިތް އެބަހުއްޓެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް ވެސް މިހާރު ހުރެއެވެ.
ހުޅުމާލެއަކީ އެ އަވަށުގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް ހިމެނިގެން ތަރައްގީ ކުރެވޭ ތަނަކަށް ހެދުމަށް އާބަންކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.