ބަންދުކޮށްފައި އޮންނަތާ އަހަރުތަކަކަށް ފަހު، ސަބުދެލި މަގު ހުޅުވައިފި

ހިރިޔާ ސުކޫލާ އިން ވެގެން އޮންނަ ސަބުދެލި މަގު-- ފޮޓޯ: އެކްސް/ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ބަންދު ކޮށްފައި އޮންނަތާ އަހަރުތަކެއް ވެފައިވާ ސަބުދެލި މަގު މަރާމާތުކޮށް، މިއަދު އަލުން ހުޅުވައިފިއެވެ.

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްތްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ގަވާމަންޓް މިނިސްޓްރީއާއި، އާރްޑީސީގެ އެހީތެރިކަމާއެކު، ކަނބާ އައިސާ ރަނި ހިނގުމާއި ބޮޑު ތަކުރުފާނު މަގާ ދެމެދުގައި އޮންނަ ސަބުދެލި މަގު އާންމުންނަށް ހުޅުވައިލައިފައިވާ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން، ސަބުދެލި މަގު ބަންދުކުރީ ލަގްޒަރީ އެޕާޓްމަންޓުތަކެއް އެޅުމަށް މަގުފަހިކުރުމަށެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ފެށިފައިނުވެއެވެ.

ހިރިޔާ ސްކޫލާ އިންވެގެން އޮންނަ އެ މަގު އަލުން ހުޅުވަން ނިންމީ އޭރު އަމީނީމަގު ހަދަމުން ދިޔުމުން ކުރިމަތިވި ޓްރެފިކްގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކަމަށް މީގެ ކުރިން ލޯކަލް ގަވާމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަގު ހެދުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަސައްކަތް ކުރިއަށް ދިޔަ އިރު ޕަބްލިކް ވޯކް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ރައީސް ވެސް ވަނީ އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ވަޑައިގެންފައެވެ.

comment ކޮމެންޓް