ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރާ, އަދި އެ ކަމުން ބޮޑު އާމްދަނީ އެއް ހޯދައި ކ. މާފުށީގެ މަގުތައް ނުހެދޭތީ އެ ރަށުގެ ކައުންސިލާއި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާފުށީގެ މަގުތައް ނުހެދި އޮންނާތީ، އެކަމާ ގުޅުވައި ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުންތައް މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާޙް ވަނީ 'ސަން'އާ ހިއްސާކުރައްވާފައެވެ.
އެގޮތުން، އެ ރަށުގެ މަގުތައް ނުހެދި އޮންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި މި ސަރުކާރުގައި މި އަހަރުގެ ބަޖެޓުގައި މަގު ހެދުމަށް ހިމަނާފައި އެބައޮތް ކަމަށް ޞަލާޙް ވިދާޅުވިއެވެ.

މާފުށީގެ މަގެއްގައި ފެންބޮޑުވެފައި: ފަތުވެރިކަމަށް މަޝްހޫރު، މާފުށީގެ މަގުތައް ނުހެދޭތީ، ކައުންސިލާއި ރައްޔިތުން ކަންބޮޑުވެފައި --- ފޮޓޯ/ ހުސެން އައިމަން، ފޭސްބުކް
އެ ކަމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، މިހާތަނަށް އައިއިރު ވެސް މަގުތައް ހަދަން މަސައްކަތް ނުފެށޭތީ މާފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ވާރޭ ވެހިލާއިރަށް މަގުތަކުގައި ފެންބޮޑުވާތީ ވަގުތީ ހައްލެއް ގެނައުމަށް ކައުންސިލުން ދޭތެރެއަކުން މަގުތަކަށް ވެލި އަޅާ ކަމަށެވެ. ނަމަވެސް، އެއީ ދާއިމީ ހައްލެއް ނޫންކަމަށާއި، އުޅަނދުތައް ގިނަ އަދަދަކަށް އޮންނަ ރަށަަކަށް ވާތީ، ޒަމާނީ ފެންވަރަކަށް ރަށުގެ މަގުތައް ހަދަން ބޭނުންވާކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.
މާފުއްޓަކީ މާލެ ނަގާފައި އެންމެ ގިނަ ދުއްވާ އެއްޗެހި އޮންނާނެ އެއް ރަށް. ދެން މާފުށީ ހުރިހާ ވައްތަރެއްގެ ހެވީ [ބަރު އުޅަނދުތައް] ވެހިކަލްތައް ވެސް ހުރޭ. 25 ޓަނުގެ ލޮރީތައް ވެސް އޮވޭ ބަނދަރުގެ ޕްރޮޖެކްޓު ކުރިއަށް ދާތީ.މާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާޙް
ކައުންސިލުން ގަބޫލުކުރާ ގޮތުގައި، މިހާރު ކަނޑައަޅާފައި އޮތް ބަޖެޓަކީ މަގުތައް ހެދޭ ވަރަށް ވުރެ ކުޑަ ބަޖެޓެކެވެ.
ކޮންސްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީން މާފުށީގައި ހަދަން ބޭނުންވާ މަގުތައް ކަނޑައަޅައިދިނުމަށް ސިޓީއެއް ފޮނުވި ކަމަށާއި ރައްޔިތުންނާ މަޝްވަރާކޮށް މަގުތައް ކަނޑައަޅައި މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ވެސް ޞާލިޙް ވިދާޅުވެފައިވެއެވެ.

މާފުށީގެ މަގެއްގައި ފެންބޮޑުވެފައި: ފަތުވެރިކަމަށް މަޝްހޫރު، މާފުށީގެ މަގުތައް ނުހެދޭތީ، ކައުންސިލާއި ރައްޔިތުން ކަންބޮޑުވެފައި --- ފޮޓޯ/ ހުސެން އައިމަން، ފޭސްބުކް
އޭގެއިތުރުން، އެކަމަށް ވީ އެންމެ އަވަހަކަށް ހައްލެއް ގެނައުމަށް މި ހަފްތާގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި ބައްދަލު ކުރަން ހަމަޖެހިފައި އޮތް ކަމަށް ޞާލިޙް ވިދާޅުވިއެވެ.
ނަމަވެސް، ކަމެއް ދިމާވެގެން މިނިސްޓަރަށް އެ ބައްދަލުވުމުގައި ބައިވެރިނުވެވުނީތީ، އެ ބައްދަލުވުން ކުރިއަށް ގެންދަން ކައުންސިލުން ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މާފުށީގެ މަގެއްގައި ފެންބޮޑުވެފައި: ފަތުވެރިކަމަށް މަޝްހޫރު، މާފުށީގެ މަގުތައް ނުހެދޭތީ، ކައުންސިލާއި ރައްޔިތުން ކަންބޮޑުވެފައި --- ފޮޓޯ/ ހުސެން އައިމަން، ފޭސްބުކް
މާލޭގެ ދެތިން ބުރަށް މަގުތައް ނަގައި ހެދިއިރު ވެސް އަޅުގަނޑުމެން ރަށްފުށުގައި މި ހުންނަނީ އެންމެ ފަހަރަކު ވެސް މަގު ނެހެދިފައި. އެހެންވީމަ، ރަށްތަކަށް ވެސް ދޭން ޖެހޭ ސަމާލުކަން [ސަރުކާރުން] އިތުރުކުރުމަށް އަޅުގަނޑު ދަންނަވާލަންމާފުށީ ކައުންސިލްގެ ރައީސް ހަސަން ޞަލާޙް
އޭނާ ވަނީ ޓެކްސްގެ ގޮތުގައި ވެސް މާފުށިން ރަނގަޅު އާމްދަނީއެއް ސަރުކާރަށް ލިބޭނެ ކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ހަމައެކަނި އިސްކަންދޭންވާނީ ވެރިރަށް މާލޭގެ މަގުތައް މަރާމާތުކުރަން އެކަނި ނޫން ކަމަށާއި، އިގްތިޞާދަށް ވަންނަ އާމްދަނީގައި ހިއްސާ އޮންނަ މިފަދަ ރަށްތަކަށް ވެސް އިސްކަންދޭންވާނެ ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާފުއްޓަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ރަށެކެވެ. އެ ރަށުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރެއެވެ. އަދި، ޗުއްޓީ ތަކާއި ހަފްތާ ބަންދުތަކަށް ދިވެހީންނާއި ބޭރުގެ ފަތުރުވެރިންގެ މެދުގައި ވެސް މާފުއްޓަކީ ގިނަ ބަޔަކު ގޮސް އުޅޭ ރަށެކެވެ.