ހުއްދަ ނެތި، މީހުން އުމްރާއަށް ގެންދިޔުމަށް ދެ ކުންފުންޏަކުން ފައިސާ ނަގަނީ

ރާއްޖޭގެ ދެ ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި، އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ޚިލާފަށް، އުމްރާއަށް މީހުން ގެންދިއުމަށް އިއުލާނުކޮށް، ފައިސާ ނަގަމުންދާތީ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި--- ފޮޓޯ؛ ސަން ފައިލް ފޮޓޯ

ރާއްޖޭގެ ދެ ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި، އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ޚިލާފަށް، އުމްރާއަށް މީހުން ގެންދިއުމަށް އިއުލާނުކޮށް، ފައިސާ ނަގަމުންދާތީ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިނިސްޓްރީން މިއަދު އެކްސްގައި ޕޯސްޓުކުރި ބަޔާނެއްގައި ބުނި ގޮތުން، އެ ދެ ކުންފުންޏަކީ އަލް މަޝްޢަރު ޙައްޖު ޢުމްރާ ކުންފުންޏާއި ވަޑި ޙައްޖު އެންޑް ޢުމްރާ ކުންފުންޏެވެ.

މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ކަމަށް ބަޔާނުގައިވެއެވެ.

އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ ހުއްދަ ނެތި، ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން ދުރާލައި ފައިސާ ނެގުމަކީ އުސޫލާ ޚިލާފުކަމެކެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ ލިބިގެން މެނުވީ އެއް ކުންފުންޏަކުން، އެއްވެސް ފަރާތެއް ނުވަތަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަކީ މަނާކަމެއް ކަމަށް އެ ބަޔާނުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ.

އުމްރާގެ ޚިދުމަތް ދިނުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ލިސްޓް އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވެއެވެ. އެހެންކަމުން، އުމްރާއަށް ނަންނޯޓުކުރުމާއި ފައިސާދައްކާއިރު، މިކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް