މޭޔަރު ހުވާކުރުމުގެ ޖަލްސާ އަންނަ ހޯމަ ދުވަހު

އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އާޒިމް ހުވާކުރުން އޮންނާނީ އަންނަ ހޯމަ ދުވަހު -- ފޮޓޯ/ އެމްޑީޕީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެޑައިގެން އާދަމް އާޒިމާއި ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް ހޮވިވަޑައިގެން ކައުންސިލަރުން ހުވާކުރުމުގެ ޖަލްސާ އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރު، އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ހުވާކުރުމުގެ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ. އަދި، އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ރަސްމީ ލިޔުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ލިބުނުހާ އަވަހަކަށް ޖަލްސާގެ ރަސްމީ މަސައްކަތް ފެށޭނެ ކަމަށެވެ.

މި ޖަލްސާގެ ހުރިހާ ކަމެއް ވެސް ކުރާނީ ލޯކަލް ގަވަމަންޓް އޮތީރިޓީ (އެލްޖީއޭ)ގެ ލަފާގެ މަތިން މާލޭ ސިޓީ ކައުންސިލުންނެވެ. އެހެންކަމުން މި ޖަލްސާގެ އިދާރީ ކަންކަން ބަލަހައްޓާނީ މާލޭ ސިޓީ ކައުންސިލުންނެވެ.

މިނިސްޓަރު ވިދާޅުވީ، މި ދަރުބާރަކީ ވަރަށް ޚާއްސަ ބޮޑު ދަރުބާރެއްގެ ގޮތުގައި ގެންދަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރާ ގޮތުގައި މި ހޮވުނު މޭޔަރާ އެކުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުކަން ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނޮބެމްބަރު 17 ގައި ވަނީ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ފަހުން، މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ކައުންސިލަރުން ވެސް ވަނީ ސަރުކާރުގެ ބައެއް މަގާމުތަކާ ހަވާލުވެވަޑައިގަންނަވަން މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް