އޭޝިއަން ކަޕް: ޖަޕާނުން ވިއެޓްނާމު ބަލިކޮށް، ފެށުން ރަނގަޅުކޮށްފި

ޖަޕާންގެ ފަހު ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ -- ފޮޓޯ/ ނިއުސްޑޭ

ޤަތަރުގައި މިހާރު ކުރިއަށްވާ އޭއެފްސީ އޭޝިއަން ކަޕް ގްރޫޕް ޑީގައި ޖަޕާނުން ވިއެޓްނާމުގެ މައްޗަށް ކުރި ހޯދައިފިއެވެ.

އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބު ކޮށްފައިވަނީ 4-2 އިންނެވެ.

ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ޖަޕާނުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓަކުމީ މިނަމީނޯއެވެ. ނަމަވެސް ޖަޕާނަށް މި ލީޑު ދެމެހެއްޓޭ ގޮތްވީ ފަސް މިނެޓު ވަންދެނެވެ. ވިއެޓްނާމުން ވަނީ މެޗުގެ 16 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެންގޫޔެން ޑިންބަކްއެވެ.

މެޗުގައި އިތުރު ހައިރާންކަމެއް ލިބިގެންދިޔައީ މެޗުގެ 33 ވަނަ މިނެޓުގައި ވިއެޓްނާމުން މެޗުގެ ލީޑު ނެގުމާ އެކުއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފަމް ޓުއާން ހައިއެވެ. ޖަޕާނުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 45 ވަނަ މިނެޓުގައި މިނަމީނޯ ކާމިޔާބުކުރި ދެވަނަ ލަނޑުންނެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކެއިޓޯ ނަކަމޫރާ ޖަހައިދިން ލަނޑުން ވަނީ ދެވަނަ ފަހަރަށް ޖަޕާނަށް މެޗުގެ ލީޑު ނަގައިދީފައެވެ. ޖަޕާންގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ އަޔާސޭ އުއެޑާއެވެ.

މި ކާމިޔާބީއާ އެކު ޖަޕާނުން އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު ވިއެޓްނާމަށް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާނަމަ ދެން އޮތް ދެ މެޗުގައި މިއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދަން މަޖުބޫރުވެފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންޑޮނޭޝިއާއާއި އިރާގެވެ.

comment ކޮމެންޓް