އިންތިޚާބުގެ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާނެ ޖަމިއްޔާއެއް ހޯދަނީ

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އީސީން ވަނީ އިންތިޚާބުގެ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާނެ ޖަމިއްޔާއެއް ހޯދަން އިއުލާންކޮށްފައި -- ފޮޓޯ/ އީސީ

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އެކުލަވާފައިވާ ގައުމީ ލަފާދޭ ކޮމިޓީއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމިއްޔާއެއް ހޯދަން އީސީން މިރޭ އިއުލާނު ކޮށްފިއެވެ.

އީސީން ބުނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެެއިން މިކަމަށް ޝައުގުވެރިވާ ހުރިހާ ޖަމިއްޔާތަކަށް، މިއަދުން ފެށިގެން މިމަހުގެ 28 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށް، އެފުރުސަތު ހުޅުވާލާފައި ވާކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އެކަން ބަޔާން ކުރުމަށްފަހު، އިސީއަށް އެ ޖަމިއްޔާއެއްގެ ޕްރޮފައިލް އަދި ރަސްމީ ލެޓާ ހެޑުގައި، ސިޓީއެއް ފޮނުވަން އީސީން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ކުރިން މި ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލުން ކަމަށެވެ.

ނަމަވެސް، މިފަހަރު ޖަމިއްޔާތަކަށް ހުޅުވާލީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިއަށްވުރެ ބޮޑަށް ފުރުސަތުދީ ޝައުގުވެރިކަން ހުރި ޖަމިއްޔާތަކަށް ވެސް ފުރުސަތު ދިނުމަށް ކަމަށް އީސީން ބުންޏެވެ.

މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު، ރޯދަމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބާއްވަން އީސީން ވަނީ ނިންމައިފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އީސީން ވަނީ މުޅިން އަލަށް، ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މި އިންތިޒާމް ހަމަޖެއްސީ ޕްލާސްޓިކް ޓެމްޕްލޭޓެއް ބޭނުން ކޮށްގެންނެވެ.

https://sun.mv/182004

އީސީން ހާމަކޮށްފައިވާ ގޮތުގައި މި ޓެމްޕްލޭޓް ބޭނުންކޮށްގެން އެ އިންތިޚާބުގައި 45 ލޯފަން މީހުން މިނިވަންކަމާއެކު ވޯޓުލާފައި ވެއެވެ.

comment ކޮމެންޓް