ފީފާ އާއި އޭއެފްސީއަށް ޓޮމް މައްސަލަ ހުށަހަޅައިފި

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) --- ފޮޓޯ/ މަޖިލިސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިލެކްޓޯރަލް ކޮމިޓީގެ މައްސަލަ، ރައީސްކަމަށް ވާދަކުރައްވާ އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތާރިގު (ޓޮމް)، ފީފާ އާއި އޭއެފްސީއަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

އިލެކްޓޯރަލް ކޮމިޓީން ވަނީ ރައީސްކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކްލަބު ވެލެންސިއާއިން ތާއީދު ސިޓީ ދީފައިވާތީ، އެ މައްސަލަ ބެލުމަށްފަހު ވެލެންސިއާގެ ސިޓީ ބާތިލުކޮށްފައެވެ. އެއާއެކު ބޭނުންވާ އަދަދަށް ކްލަބުތަކުގެ ތާއީދު ނެތުމުން ޓޮމްގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ. މިހާރު ޓޮމްގެ ފަރާތުން ވަނީ އެ މައްސަލަ އިސްތިއުނާފު ވެސް ކޮށްފައެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިޚާބުގައި ވާދަކުރުމަށް މަދުވެގެން ތިން ކްލަބެއްގެ ތާއީދު ބޭނުންވާނެއެވެ. ޓޮމް ފޯމު ހުށަހެޅުއްވީ ތިން ކްލަބެއްގެ ތާއީދާ އެކުގައި ކަމަށްވެފައި، އޭގެ ތެރެއިން ވެލެންސިއާގެ ތާއީދު ސިޓީ ބަލައިނުގަތުމަށް ނިންމުމުން މިހާރު އެ އަދަދު ވަނީ ދެ ކްލަބަށް މަދުވެފައެވެ.

ފޭސްބުކްގައި ޓޮމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިންތިޚާބީ ގަވާއިދާ ހިލާފު ކޮމިޓީއަކުން އިންތިޚާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަޔާންކޮށް، ފީފާ އަދި އޭއެފްސީއަށް މައްސަލަ ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ޓޮމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އިންތިޚާބަށް ހުޅުވާލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން ނުވަ ކުލަބުގެ ތާއީދާއެކު ހުށަހެޅި ކެންޑިޑެސީ ބާތިލުކުރުން ހިމެނެއެވެ. އަދި އެއީ ކުލަބު ވެލެންސިއާގެ ދެ ސިޓީވެސް ސައްހަ ކަމަށް ނިންމައި، ފީފާގެ އަސާސީ ގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތް ކަމަށް ފާހަގަކުރަމުން މިދިޔަ ހުކުރު ދުވަހު މައްސަލަ އިސްތިއުނާފުކޮށްފައިވާނެ ކަމަށާއި އޭގެ ޖަވާބު މާދަމާ ލިބެންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް ނުބޭއްވޭކަން ޓޮމްގެ މައްސަލައިގައި ފާހަގަކުރެއްވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ޓޮމް ފާހަގަކުރައްވާފައިވަނީ އެފްއޭއެމް އިލެކްޓޯރަލް ކޯޑުގެ ހަތަރުވަނަ މާއްދާގައި އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިޚާބުކޮށްގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް 2023 ވަނަ އަހަރުގެ ކޮންގްރެސްގައި އިންތިޚާބުކޮށްފައިވުމެވެ.

އެގޮތުން އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ ޖެހިޖެހިގެން ތިން ދައުރު ގަވާއިދާ ހިލާފަށް މެންބަރުކަންކޮށްފައިވާ ކަމަށާއި ވައިސް ޗެއާ އަހުމީމް އަބްދުއްރައްޒާގު އަދި އަބްދުﷲ އަލީ ދެވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާ ހިލާފަށް ކޮންގްރެސްއިން އިންތިޚާބުކޮށްފައިވާ ކަމަށް ޓޮމް ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލައިގައި އަމަލުކުރާނެ ގޮތަކާ މެދު ފީފާއާއި އޭއެފްސީގެ ލަފައެއް ވެސް ހޯދައިފައެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ވެސް ހުންނެވި މުފާވިޒް ހާޝިމް (މުފާ)، އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ވެލެންސިއާ ހިމެނޭގޮތަށް ހަ ކްލަބެއްގެ ތާއީދާއެކުއެވެ. ޓޮމްގެ ކެންޑިޑެސީއަށް ގޮތެއް ނުނިންމިއްޖެ ނަމަ, މި މަހުގެ 31 ވަނަ ދުވަހު ނަގާނީ މަގާމަށް މުފާ ނެގުމަށް ފެންނަ ނުފެންނަ ވޯޓެކެވެ.

ވެލެންސިއާއިން ދެ ކެންޑިޑޭޓުންނަށް ވެސް ތާއީދު ސިޓީ ދީފައިވާ މައްސަލަ އެ ކްލަބުގެ އެތެރޭގައި ވެސް ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގެ ތެރެއިން ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެސް އެ ކްލަބުގެ ބޯޑުން މިހާރު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް