މިފަހަރު ވިއްސާރައިގައި ގެއްލުންވި ގެތަކަށް އެހީގެ ގޮތުގައި 7 ލައްކަ ރުފިޔާ ދެނީ

ފެންގަނޑު ތެރެއިން ބަޔަކު ހިނގާފައި ދަނީ: އެންޑިއެމްއެމްއޭއިން ވަނީ ވިއްސާރައިގައި، ގެއްލުންވި ގެތަކަށް އެހީގެ ގޮތުގައި 7 ލައްކަ ރުފިޔާ ދިނުމަށް ނިންމާފަފނ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މިދިޔަ ހުކުރު ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ފެންބޮޑުވި ގެތަކަށް އެހީގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ހުކުރު ދުވަހު ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން އެންޑީއެމްއޭއަށާއި ސިފައިންނާއި ރެޑްކްރެސެންޓުގެ ހޮޓްލައިންތަކަށް 494 ކޯލް ލިބުނު ކަމަށާއި ފެންވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުނަތައް ލިބުނު ކަަމަށެވެ.

އޭގެތެރެއިން 193 ތަނަކަށް އިޖާބަދެވުނު ކަމަށާއި ފެންވަންނަ މިންވަރު ކުޑަކުރުމަށް 152 ދެތަނެއްގައި 1018 ވެލިބަސްތާ ޖެހި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ ވަގުތުން އެހީ ބޭނުންވާ 43 ގޭބީސީއެއްގެ ރެޕިޑް އެސެސްމަންޓް ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ހެދި ކަމަށާއި 18 ގޭބީސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވެހިކަމާއި ކެއިން ބުއިން ހަމަޖައްސައި ދިން ކަމަށެވެ.

ހަމައެއާއެކު، އެ ހާދިސާއާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް 73 ތަނެއްގައި ޑެމޭޖް އެސެސްމަންޓް ހަދަން ނިންމި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެގޮތުން 53 ގެއެއްގެ އެސެސްމަންޓް ނިމިފައިވާއިރު މީގެތެރެއިން 43 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެ އޮތޯރިޓިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އިން ބުނީ 19 ތަނަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި ހަ ތަނަކަށް އެކި ސަބަބުތަކާހުރެ ނުވަދެވުމުގެ އެސެސްމަންޓް ހެދިފައިނުވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގޭބީސީތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށާއި ލިބުނު ސްޓަކްޗަރަލް ގެއްލުންތަކުގެ އަގު 1.11 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެހެންވެ، އެސެސްމަންޓް ހަދާފައިވާ ގެތަކަށް އިންސާނީ އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެއީ ގެތަކުގެ ޒަރުރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުމުގެ 20 ޕަސެންޓަށްވާ އެއް ލައްކަ ރުފިޔާ އާއި ސްޓްރަކްޗަރަލް ގެއްްލުންތަކަށް ހަ ލައްކަ ރުފިޔާއެވެ.

މީގެއިތުރުން މިދިޔަ ޑިސެމްބަރުގައި މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އެހީ ދިން ގެތަކުގެ ތެރެއިން 20 ގެއަކަށް އަލުން މި ވިއްސާރައިގައި ގެއްލުން ލިބި، އެސެސްމަންޓް ހަދާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ ކައިރިކައިރީގައި ދެ ހާދިސާ ހިނގުމުން ލިބިފައިވާ ގެއްލުންތައް ބޮޑުކަން ފާހަގަވެފައިވާ ކަމަށެވެ.

އެ އޮތޯރީޓީން ވަނީ މި ހާދިސާގައި ރެޑްކްރެސެންޓާއި ސިފައިންނާއި މާލެސިޓީގެ ކައުންސިލްގެ އިތުރުން ޕަބްލިކް ވޯކްސްގެ އެހީ ލިބިފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

މި އަހަރު ފެށުނުއިރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅު ތެރެއަށް ވެސް ގެއްލުންތައް ވެފައިވެއެވެ.

https://sun.mv/186902

މިދިޔަ މަހުގެ 31ގައި ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން 70 ގެއަކަށް ގެއްލުންވި ކަމަށާއި ގެއްލުންތައް ފޫބެއްދުމަށް އެހީގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މީގެ ކުރިން އެންޑީއެމްއޭއިން ބުނެފައިވެއެވެ.

comment ކޮމެންޓް