މާލޭގައި ވިއްސާރަވެ، ފެންބޮޑުވި 70 ގެގޭ މީހުންނަށް ހަތަރު ލައްކަ ރުފިޔާ ދެނީ

މާލޭގައި ފެންބޮޑުވެފައި އޮތް މަގެއްގައި އަންހެނަކު ހިނގާފައި ދަނީ:މާލޭގައި ވިއްސާރަގައި ފެންބޮޑުވި 70 ގެއަށް ހަތަރު ލައްކަ ރުފިޔާ ދެނީ ބަދަލުކުރަން ޖެހުނު -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

މިދިޔަ އާދިއްތަ ދުވަހު ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން 70 ގެއަކަށް ގެއްލުންވި ކަމަށާއި ގެއްލުންތައް ފޫބެއްދުމަށް އެހީގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއިން ވިއްސާރައިގައި ލިބުނު ގެއްލުންތައް ހިއްސާކުރުމަށް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެތަކަށް ލިބިފައިވާ ގެއްލުމަށް އެހީގެ ގޮތުގައި 457،242 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން 34 ގޭބީސީއެއްގެ އިމާރާތަށް ގެއްލުންވެފައިވާއިރު އެކަމުގެ އަގު 248،381 ރުފިޔާއަށް އަރައިކަމަށް އެންޑީއެމްއިން ވަނީ ބުނެފައެވެ.

އަދި 65 ގޭބީސީއެއްގައި ޒަރޫރީ ގޮތުން ހިފައި ގެންގުޅޭ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް އެންޑީއެމްއިން ބުނެއެވެ. ގެއްލުމުގެ އަގު 1،044،304 ރުފިޔާއަށް އަރާއިރު ބަދަލުގެ ގޮތުގައި 20 އިންސައްތައިގެ ރޭޓުން 208،861.60 ރުފިޔާ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން ރިޕޯޓުކޮށްފައިވާ ތަކެތީގެ ގޮތުގައި އައިސް އަލަމާރިއާއި އެނދާއި ކަބަޑުސެޓާއި ފަންކާ ފަދަ ތަކެތި ހިމެނެއެވެ.

ހަމައެހެންމެ، އެންޑީއެމްއިން ބުނި ގޮތުގައި ވިއްސާރައިގެ ސަބަބުން ގެތަކުގައި ފެންބޮޑުވެގެން ރިޕޯޓުކުރުމަށް 164 ކޯލު ކޮށްފައިވާއިރު އަށް ގެއަކުން 42 މީހުން ވަގުތީ ހަޔާވެހި ކަމަށް ބަދަލު ކުރިއެވެ.

އަދި ފުރަތަމަ އިޖާބަދެވުނު ގޭގެ އަދަދު 140 އަރާކަމަށް އެންޑީއެމްއިން ބުންޏެވެ.

ވެލިބަސްތާ ޖެހުމަށް 10،100 ގޯނި އެ ޖަމިއްޔާއިން ދޫކޮށްފައިވާ ކަމަށާއި ފެންބޮޑުވެގެން ރިޕޯޓުކުރި މީހުނަށް ވަގުތީ ހިޔާ ދިނުމުގެ އިތުރުން ފުރަތަމަ އިޖާބަ ދިނުމަށް 179،275 ރުފިޔާ ޚަރަދުކުރި ކަމަށް އެންޑީއެމްއިން ވަނީ ބުނެފައެވެ.

މިދިޔަ އާދިއްތަ ދުވަހު ކުރި ވިއްސާރައިގައި މާލޭގެ ގެތަކަށް ގެެއްލުންވެފައިވާއިރު އަތޮޅު ތެރޭގެ ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނި ލިބިފައެވެ. އެގޮތުން ކ. ގުރައިދޫގައި ވެސް ފެންބޮޑުވެ، 11 ގެޔެއް ބޭނުން ނުކުރެވޭ ހާލަތަށް ދިޔަކަށް އެރަށު ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް