އިންޑިއާ ސިފައިން ބޭލުވުމާ ގުޅޭ ރަސްމީ މަޝްވަރާ ފަށައިފި

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެކި އަސްކަރީ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އަވަށްޓެރި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުވުމާ ގުޅޭ ރަސްމީ މަޝްވަރާތައް ރާއްޖޭގައި މިއަދު ފަށައިފިއެވެ.

މި މަޝްވަރާ ބައްދަލުވުންތައް މިއަދު ފެށީ، ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު "ސަން"އަށް ވިދާޅުވީ ދުބާއީގައި އޮތް ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރެއްވީއިރު އެކުވައިލެއްވި ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިހާރު ފަށައިގެން ފޮރިން މިނިސްޓްރީގައި ކުރިއަށްދާ ކަމަށެވެ.

އެ ބައްދަލުވުމަކީ އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއްކަން ޚަލީލް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އެކަމަކު، ބައްދަލުވުމާ ގުޅޭ ތަފުސީލުތައް ހާމަކުރާނީ ބައްދަލުވުން ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ގާއިމުވެ ތިބޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މީހުން އަނބުރާ ގެންދަން ރާއްޖެއިން ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ވެސް އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، އެނބުރި މާލެ ވަޑައިގެން އިއްޔެ ވަނީ އިންޑިއާއަށް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ ކުޑަވުމަކީ ބޭރުގެ ބޮޑެތި ގައުމުތަކުން ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށެވެ.

ރާއްޖެއިން އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އިއްޔެ އެ މަނިކުފާނު ވަނީ ބޭހާއި ކާޑުގެ ބާވަތްތައް އެހެން ގައުމުތަކުން އެތެރެކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" ރައީސް އިއްޔެ ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ގައުމަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ ދިވެހީން ބޭނުންވާ ގޮތެއް ވެސް ނޫން ކަމަށެވެ. އެހެންވެ، އެއްވެސް ގައުމަކުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވިޔަ ނުދޭނެކަމުގެ ޔަގީންކަން ރައީސް ވަނީ އަރުއްވައިފައެވެ.

comment ކޮމެންޓް