ޑި ބްރުއިނާ ތަފާތު ދައްކައި، ސިޓީ ދެވަނައަށް ޖެހިލައިފި

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާއި ކެވިން ޑި ބްރުއިނާ: ރޭގެ މެޗުގައި ޑި ބްރުއިނާ ވަނީ ތަފާތު ދައްކާފައި -- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ނިއުކާސްލް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައި ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 3-2 އިންނެވެ.

މެޗުގެ ކުރީކޮޅު ސިޓީން ދިޔައީ ގިނަ ހަމަލާތަކެއް އުފައްދާ ނިއުކާސްލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި ސިޓީން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގައިފައެވެ. ސިޓީގެ ކެޕްޓަން ކައިލް ވޯކާ ނަގައިދިން ހުރަހަކުން ވަރަށް ރީތިކޮށް ފައިން ފަހަތަށް ބޯޅަ ކޮށްޓާލައިގެން ގޯލްތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާއެވެ. މި ލަނޑާ އެކު ވެސް ސިޓީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ނަމަވެސް ނިއުކާސްލްއިން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ސިޓީގެ ޑިފެންސް ފޫއަޅުވާލެވޭތޯ މަސައްކަތް ކުރަމުންނެވެ.

މެޗުގެ 35 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ނިއުކާސްލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބަލައިލާފައި ގޯލުގެ ކަނަށް ވައްދާލައިގެން ލަނޑު ޖަހާދިނީ އެލެގްޒެންޑާ އިސާކެވެ. އަދި، މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ނިއުކަސްލްއިން ވަނީ ފުރަތަމަ ލަނޑު ޖެހި ގޮތަށް ދެވަނަ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެންތަނީ ގޯޑަންއެވެ.

މިމެޗުގެ ދެވަނަ ހާފަށް ސިޓީން ނުކުތީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް މެޗު ކޮންޓްރޯލްކޮށް މެޗުން މޮޅުވުމުގެ އަޒުމާ އެކުއެވެ. މިގޮތުން މި ހާފުގައި ވެސް ފެނިގެންދިޔައީ ސިޓީން ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުންދިޔަ ތަނެވެ.

މައްސަލަތަކަށް ހައްލެއް ލިބިގެންދިޔަތަން ފެނިގެންދިޔައީ ސިޓީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ކެވިން ޑި ބްރުއިނާ ކުޅުމުގެ ތެރެއަށް އައުމުންނެވެ. މިއީ މި ސީޒަންގެ ފުރަތަމަ މެޗުގައި އަނިޔާވުމަށް ފަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ލީގުގައި ކުޅެން އެރި ފުރަތަމަ މެޗެވެ.

އޭނާ ކުޅެން އެރުމާ އެކު ސިޓީގެ ހަމަލާތަކުން ތަފާތު ފެނިގެންދިޔައިރު އޭނާ ވަނީ މެޗުގެ 74 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ވެސް ހަމަހަމަ ކޮށްދީފައެވެ. މެޗުން ސިޓީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖަހައިދިނީ ޑި ބްރުއިނާ ވަރަށް ބަލައިލާފައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮސްކާ ބޮބެވެ.

މި ނަތީޖާއާ އެކު ސިޓީން މިހާރު އޮތީ ކުޅުނު 20 މެޗުން 43 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. ސިޓީން މިހާރު ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓަށް ގާތް ކޮށްފައެވެ. މެޗުން ބަލިވުމުން ނިއުކާސްލުން ވަނީ 21 މެޗުން ލިބިފައިވާ 29 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް