އިސްރާއީލާ ދެކޮޅަށް އޮތް މައްސަލައަށް ޖަރުމަނުވިލާތުން ތަދައްޚުލްވަނީ

ޖަރުމަނުވިލާތުގެ ސަރުކާރުގެ ތަރުޖަމާނު ސްޓެފަން ހެބެސްޓްރޭޓް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ހިނގަމުންދާ ނަސްލު ނައްތައިލުމުގެ މައްސަލައަށް ޖަރުމަނުވިލާތުން ތަދަޚުލުވާން ނިންމަން ތައްޔާރުވަމުން އަންނަކަމަށް އެ ގައުމުގެ އޮފިޝަލަކު ހާމަކޮށްފިއެވެ.

އައިސީޖޭގައި މިހާރު އިސްރާއީލުގެ މައްޗަށް ކޮށްފައިވާ ނަސްލު ނައްތައިލުމުގެ ތުހުމަތުތަކާ ޖަރުމަނުވިލާތުން ދެކޮޅު ހަދައެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނު ސްޓެފަން ހެބެސްޓްރޭޓް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އައިސީޖޭގެ މަސައްކަތްތަކަށް ޖަރުމަނުވިލާތުން ތާއީދުކުރާ ކަމަށާއި ސަރުކާރުން ގަސްތުކުރަނީ މައި އަޑުއެހުމުގައި ތިންވަނަ ފަރާތެއްގެ ގޮތުގައި ތަދައްޚުލްވާން ކަމަށް ވެސް އޮފިޝަލު އިތުރަށް ވިދާޅުވިއެވެ.

ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނަކީ ގަތުލުއާންމެއް ކަމަށް ބުނެ އިންސާފާ ބެހޭ ކޯޓަށް މައްސަލަ ވައްދައިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ. އެ ގައުމުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 1948 ވަނަ އަހަރުގެ ގަތުލުއާންމާ ބެހޭ މުއާހަދާއާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައެވެ.

އަޑުއެހުންތަކުގެ ފުރަތަމަ ދުވަހު ދެކުނު އެފްރިކާއިން ބުނީ އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ވައިގެ ޙަމަލާތަކާއި އެއްގަމު މަގުން އަރައި ދެމުންދާ ހަމަލާތަކަކީ ޣައްޒާގެ މުސްލިމުން ނައްތައިލަން ފަށައިފައިވާ ލާއިންސާނީ އުދުވާނެއް ކަމަށެވެ.

އައިސީޖޭއަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދައިފައިވާ އދ.ގެ އެންމެ މަތީ ކޯޓެވެ. އެއީ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ ކޯޓެކެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 24،000 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 60،050 އަށް އިތުރުވެފައެވެ.

comment ކޮމެންޓް