މިދިޔަ ނޮވެމްބަރު މަހު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ޓައިގާ3"ގެ ކާމިޔާބީއާ ގުޅިގެން އެކްޓަރެއްގެ ހައިސިއްޔަތުން އެންމެ ބޮޑު އިސްކަމެއްދޭ ހަމައެކަނި މަސައްކަތަކީ ބެލުންތެރިން މުނިފޫހިފިލުވައިދިނުން ކަމަށް ސަލްމާން ބުނެފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ސިނަމާތަކުގައި ފިލްމު ދެއްކުމަށްފަހު އެމޭޒަން ޕްރައިމް ވީޑިއޯގައި ފިލްމު ވަނީ ސްޓްރީމްކުރަން ފަށައިފައެވެ.
ސިނަމާތަކުގައި ފިލްމަށް ލިބުނު ކާމިޔާބީއާ އެއްވަރަށް ޑިޖިޓަލް ސްޓްރީމިންއަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުމާ އެކު ސަލްމާން ބުނީ އޭނާގެ މަޤުސަދު ހާސިލު ކުރެވިއްޖެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެމޭޒަން ޕްރައިމް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް "ޓައިގާ3" ކަމުގޮސްފައިވާތީ އެކަމާ އުފާކުރާ ކަމަށް ވެސް 58 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.
އިންޑިއާގެ (RAW) އެޖެންޓެއްގެ ގޮތުގައި ސަލްމާން ފެނިފައިވާ "ޓައިގާ3"އަކީ އޭނާގެ ހިތުން ވަރަށް ހާއްސަ މަޤާމެއް ދެވިފައިވާ ފިލްމެއް ކަމަށާއި ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބެމުން އަންނަ ލޯތްބާއި ތަރުހީބު ފެނި ބަޔާން ނުކުރެވޭ ކަހަލަ އިހުސާސެއް ހިތަށް ކުރުވާ ކަމަށް ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ސަލްމާން ވަނީ ބުނެފައެވެ.
ޔަޝް ރާޖް ކުންފުނީގެ ދަށުން ހިންގާ ވައިއާރްއެފް ސްޕައި ޔުނިވާސްގެ މި އުފެއްދުމަކީ 2012ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ އެ ކުންފުނީގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސްއެވެ.
ސަލްމާން ޚާންއާ އެކު ބަތަލާ ކެޓްރީނާ ކައިފް ލީޑު ރޯލު ކުޅެފައިވާ މި ފްރެންޗައިސްގެ ތިންވަނަ ފިލްމުން ވިލެންގެ ރޯލުން ފެނިފައިވަނީ ފިލްމީ ތަރި އިމްރާން ހާޝިމީއެވެ. ޖުމްލަ 300 ކްރޯރް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމު ވަނީ 400 ކްރޯރް ރުޕީސްއާ އެކު ބޮކްސް އޮފީހުގެ ސަތޭކަ ކްރޯރް ކްލަބުން ޖާގަ ހޯދާފައެވެ.