އެމްބާޕޭއާ އެކު ގުޅުން ވަރަށް ރަނގަޅު: ޕީއެސްޖީގެ ރައީސް

ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އާއި އެ ކްލަބުގެ ރައީސް ނާސިރް އަލް ޚަލައިފީ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭއާ އެކު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށް އެ ކްލަބުގެ ރައީސް ނާސިރް އަލް ޚަލައިފީ ވިދާޅުވެއްޖެއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ހަ މަސް ދުވަހަށް ވެފައިވާ އިރު، އޭނާގެ ކޮންޓްރެކްޓް އާކުރުމަށް އެ ކްލަބުން ތަކުރާރުކޮށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ. ކޮންޓްރެކްޓް ހަމަވާތީ ރެއާލް މެޑްރިޑުން ވެސް ދަނީ އެމްބާޕޭ ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެމްބާޕޭއާ ގުޅޭގޮތުން ސުވާލުކުރުމުން، ޕީއެސްޖީގެ ރައީސް ޚަލައިފީ ވެސް ވަނީ އެކަމަށް ޖަވާބުތަކެއް ދެއްވައިފައެވެ.

"އަހަރެން ކަންކަން ފޮރުވާކަށް ނޫޅެން. އަހަރެން ވަރަށް ބޭނުން އެމްބާޕޭ މި ކްލަބުގައި މަޑުކުރުވުމަށް. އެމްބާޕޭއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޕީއެސްޖީއަކީ އެމްބާޕޭއަށް ވެސް އެންމެ މޮޅު ކްލަބަށް ވާނެ. އޭނާ ހުރީ ހުރިހާ ކަމެއްގެ މެދުގައި. އަހަރެންނާއި އޭނާއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް،" 'އާރުއެމްސީ ސްޕޯޓް'އަށް ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ރައީސް ޚަލައިފީ ވިދާޅުވިއެވެ.

ޚަލައިފީ ވިދާޅުވީ އެމްބާޕޭއާ ދެމެދު ގުޅުމުގެ ގޮތުން އެއްބަސްވުމެއް އެބައޮތް ކަމަށާއި އެއީ ސޮއިކުރާ އެއްބަސްވުންތަކަށް ވުރެ މާ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދި, މި ވަގުތު ޓްރާންސްފާގެ މާގިނަ މަޝްވަރާތަކެއް ކުރިއަށްނުދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރެއާލްގެ އިތުރުން ލިވަޕޫލުން ވެސް އެމްބާޕޭ ގެންދިއުމަށް މަސައްކަތްކުރާ ކަމަށް ދާދި ފަހުން ރިޕޯޓުތައް ބުނެފައިވެއެވެ. ނަމަވެސް އަދި ރަސްމީކޮށް ލިވަޕޫލުގެ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް