ޔުނާން އަލުން ހައްޔަރުކޮށްފި، މާދަމާ ބަންދު މުއްދަތު ޖަހަނީ

ޔުނާންގެ ދެމަފިރިން-- ފޮޓޯ: ފޭސްބުކް/ޔުނާން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީތަރި މުހައްމަދު ޔުނާން, ތިން އަހަރު ފަހުން ޖަލު ބަންދުން ދޫކޮށްލާފައި ވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމުމާއެކު މިއަދު އޭނާ އަލުން ހައްޔަރުކޮށްފިއެވެ.

ޕީޖީ އޮފީހުން ވަނީ "ސަން"އަށް އެ ކަން ކަށަވަރުކޮށްދެއްވައިފައެވެ.

އެއާއެކު ހައިކޯޓުގެ ހުކުމުގައިވާ ގޮތަށް އިއްޔެ ހިމެނޭހެން ހަތް ދުވަސްތެރޭ އެނާ ބަންދުކުރަން އެދި ހުށަހަޅައިފިނަމަ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް ހައިކޯޓުން އޮތީ އަމުރުކޮށްފައެވެ.

އެހެންވެ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މާދަމާ ހުޅުމާލެ ކޯޓަށް ހާޒިރުކުރާނެއެވެ.

އެ މައްސަލާގައި ޔުނާން ދޫކޮށްލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުއެވެ.

އޭރު އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކުއެވެ. އެ ޝަރުތުތަކަކީ:

  • ސިއްހީ ސަބަބަކާ ނުލައި ގެއިން ބޭރަށް ނުދިޔުން
  • މާލެއިން ބޭރަށް އަދި ރާއްޖެއިން ބޭރަށް ފުރާނަމަ ކޯޓުގެ ހުއްދަ ހޯދުން
  • މީޑިއާއަށް މި ހިނގާ މައްސަލައިގެ މައުލޫމާތު ނުދިނުން
  • މި މައްސަލާގައި އަނިޔާ ލިބުނު އެއްވެސް ކުޑަކުއްޖަކާ އެއްވެސް މުއާމަލާތެއް ނުކުރުން
  • ދިރިއުޅޭ ތަނުގެ މައުލޫމާތު ކޯޓަށާއި ކަރެކްޝަންސްއަށް އެންގުން

އޭނާ އަލުން ބަންދުކޮށްދޭން ޕީޖީ އޮފީހުން ހައިކޯޓުގައި އެދުނީ އެ ޝަރުތުތަކާ އޭނާ ޚިލާފުވެފައިވާކަމަށް ބުނެއެވެ.

އެއާއެކު އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޔުނާން ދޫކުރިއިރު، ހެކިތައް އަލުން ވަޒަންކޮށް، ބަންދުކުރުމުގެ ހާލަތު ބަދަލުވިގޮތް ދަށު ކޯޓުން ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި ޔުނާންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތްކަމަށް ބަޔާންކުރުމުގެ އިތުރުން ބަންދުކުރި ހާލަތު ބަދަލުވިގޮތް ބަޔާންކުރުމުގައި ގާނޫނީ އެއްވެސް މަސްދަރަކާ ހަވާލާދީފައިނުވާ ކަމަށް ބުނެފައިވެއެވެ.

ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އޭނާ ޖަލު ބަންދުން ދޫކޮށްލީ ހައްޔަރުކުރިތާ ތިން އަހަރު ފަހުން މި މަހު 14ގައެވެ.

ޔުނާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް އެންމެ މަދުވެގެން ޖުމްލަ 110 ނުވަތަ ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

comment ކޮމެންޓް